ޝަހީދާ އަބްދުﷲ ސައީދު
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ގާނޫނީ ވަކީލުންގެ ޓީމުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ ބޭފުޅަކަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ހަމަޖައްސައިފިއެވެ.
''ވަންއޮންލައިން'' އަށް މައުލޫމާތު ދެއްވަމުން ޕީޕީއެމްގެ ސެކްރެޓްރީ ޖެނެރަލް މުހައްމަދު ޝަކީލު ވިދާޅުވީ ޑރ. ޖަމީލަކީ ރައީސް ޔާމީންގެ ގާނޫނީ ޓީމުގެ އެންމެ އިސް ބޭފުޅާ ކަމަށާއި ގާނޫނީ ޓީމާ ގުޅިވަޑައިގެން ޑރ. ޖަމީލު މިހާރު މަސައްކަތް ކުރައްވަމުން އަންނަ ކަމަށެވެ.
ޝަކީލު ވިދާޅުވީ ޑރ. ޖަމީލު، ޔާމީންގެ ގާނޫނީ ޓީމާ ގުޅިވަޑައިގެން އިސްކޮށް މަސައްކަތް ކުރައްވަން ފެއްޓެވުމަކީ ވަރަށް ބޮޑަށް އުފާކުރައްވާ ކަމެއް ކަމަށާއި މިއީ ޕީޕީއެމްގެ މެންބަރުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ.
ރައީސް ޔާމީންގެ ފުރަތަމަ ނައިބު ރައީސް ޑރ. ޖަމީލުވެސް ވަނީ ޔާމީންގެ ގާނޫނީ ޓީމަށް އެހީތެރިކަން ފޯރުކޮށްދެއްވާނެކަން ހާމަކުރައްވާފައެވެ. އެގޮތުން ޑރ. ޖަމީލު ވިދާޅުވީ ޔާމީނަށް އިންސާފުވެރި ޝަރީއަތެއް ލިބެންްޖެހޭނެ ކަމަށާއި އެކަމަށްޓަކައި އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށެވެ.
ރައީސް ޔާމީންގެ މައްޗަށް ކުރާ ހިޔާނާތުގެ ބޮޑެތި ތުހުމަތުތަކުން ސަލާމަތް ކުރުމަށް ޑރ. ޖަމީލު މިއަދު ނުކުންނެވި އިރު، ޔާމީން ވެރިކަމަށް ގެނައުމަށްވެސް އެންމެ ބުރަ މަސައްކަތްތަކެއް ކޮށްދެއްވި ބޭފުޅަކީ ޑރ. ޖަމީލެވެ.
ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ މަނީ ލޯންޑަރިންގެ ދައުވާއެވެ.
އެދައުވާގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުގައި މިދިޔަ އާދީއްތަ ދުވަހު ފެށިއިރު، އެދުވަހުގެ އަޑުއެހުމުގައި ހެކިން ހުށަހަޅަން ފަސް ދުވަހުގެ މުއްދަތެއް ޔާމީނަށް ވަނީ ދީފައެވެ. ރައީސް ޔާމީނުގެ މައްޗަށް ކުރާ މަނީލޯންޑާގެ ދައުވާގެ ޝަރީޢަތް ދެން އޮންނާނީ އަންނަ މަހުގެ ހަތަރެއްގައެވެ.
ސްޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ ގާނޫނީ ޓީމުގައި ހިމެނި ވަޑައިގަންނަވާ އެންމެ އިސް ބޭފުޅަކީވެސް ޑރ. ޖަމީލެވެ.