ސިޔާސީ ޕާޓީތަކުގެ ތެރެއިން ޕީޕީއެމް ފިޔަވައި، އެހެން ހުރިހާ ސިޔާސީ ޕާޓީތަކަށް އިލެކްޝަންސް ކޮމިޝަނުން ފައިސާ ދޫކޮށްފިއެވެ.
އިލެކްޝަނުން ބުނީ ޕީޕީއެމްއަށް ފައިސާ ދޫކޮށްފައި ނުވަނީ އެޕާޓީގެ އަސްލާ މެދު ސުވާލު އުފައްދާފައިވާ މައްސަލައެއް ކޯޓަށް ހުށަހަޅާފައި އޮތުމުން ކަމަށެވެ.
ސިޔާސީ ޕާޓީތަކަށް މިއަދު އިލެކްޝަނުން ފައިސާ ދޫކުރިއިރު، އެމްޑީޕީއަށް 5.6 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ. ޖުމްހޫރީ ޕާޓީއަށް 1.93 މިލިއަން ރުފިޔާ، އެމްޑީއޭއަށް 1.99 މިލިއަން ރުފިޔާ މިއަދު ދޫކޮށްފައިވެއެވެ. ޕީޕީއެމްއަށް ދޫކުރަން ޖެހޭ 8.68 މިލިއަން ރުފިޔާ ދޫނުކޮށް ވަނީ ހިފަހައްޓާފައެވެ.
ސިޔާސީ ޕާޓީތަކުގެ ގާނޫނުގައިވާ ގޮތުން 10000 މެންބަރަުން ހަމަވާ ކޮންމެ ޕާޓީއަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ދޫކުރަން ޖެހެއެވެ. އިލެކްޝަނުން ސިޔާސީ ޕާޓީތަކަށް މިއަހަރު 24 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކުރުމަށް ވަނީ ނިންމާފައެވެ.