ކްރިމިނަލް ކޯޓް

މަގުމަތިން އަންހެނަކާ ފޮށުނު މީހާގެ ޝަރީއަތް ފަށައިފި

މަޖީދީ މަގުން ހިނގާފައި ދިޔަ އަންހެނަކާ ފޮށި، ހަޑި ހުތުރު އަމަލު ހިންގިކަމުގެ ތުހުމަތުގައި ދައުލަތުން ދައުވާކޮށްފައިވާ އަބްދުލްޣަނީ އިސްމާއީލްގެ ޝަރީއަތް މިއަދު ކުރިމިނަލް ކޯޓުގައި ފަށައިފިއެވެ.

އެ މައްސަލައިގައި މިހާރުވެސް ބަންދުގައި ހުރި 56 އަހަރުގެ އަބްދުލްޣަނީގެ މައްޗަށް ވަނީ ގާނޫނުލް އުގޫބާތުުގެ 615 ވަނަ މާއްދާގެ (3)، (4)، އަދި (5) ވަނަ ނަމްބަރުގެ ދަށުން ތިން ދައުވާއެއްކޮށްފައެވެ.

އެގޮތުން އާންމު ތަނެއްގައި ހުރި މީހަކު އެ މީހެއްގެ އަމަލުތަކުގެ ސަބަބުން އެހެން މީހަކަށް ގޯނާ ވާނެކަން، ނުވަތަ ބިރު ހީވާނެކަން އެނގި ހުރެ، ހަޑިހުތުރު އެއްޗެހި ކިޔުމާއި ހަޑިހުތުރު ބަސް ބޭނުން ކުރުމާއި ހަޑި ހުތުރު އަމަލުތައް ކުރުމުގެ ދައުވާއާއި އާންމު ތަނެއްގައި ހުރި މީހަކު، އެ މީހެއްގެ އަމަލުތަކުގެ ސަބަބުން އެހެން މީހަކަށް ގޯނާވާނެކަން، ނުވަތަ އުނދަދަގޫވާނެކަން، ނުވަތަ ބިރު ހީވާނެކަން އެނގި ހުރެ ޖިންސީ މުއާމަލާތެއް ހިންގުމަށް އެދުނު ކަމުގެ ދައުވާގެ އިތުރުން އާންމު ތަނެއްގައި ހުރި މީހަކު، އެ މީހެއްގެ އަމަލުތަކުގެ ސަބަބުން އެހެން މީހަކަށް ގޯނާވާނެކަން، ނުވަތަ އުނދަގޫވާނެކަން، ނުވަތަ ބިރު ހީވާނެކަން އެނގި ހުރެ އާންމު ތަނެއްގައި ކަނޑައެޅިގެން ވަކި މީހެއްގެ ފަހަތުން ދިޔުމުގެ ދައުވާއެވެ.

އަބްދުލްޣަނީގެ މައްޗަށް ކުރާ ދައުވާގައި ބުނެފައި ވަނީ މިއަހަރުގެ ޖޫން މަހުގެ އަށް ވަނަ ދުވަހުގެ ރޭ މަޖީދީ މަގު ބީއެމްއެލްއިން ފެށިގެން ރަށްދެބައި މަގު ކައިރީގައި ހުންނަ އަގޯރާއާ ހަމައަށް އަބްދުލްޣަނީ އަންހެނެއްގެ ފަހަތުން ގޮސް، ކުރިމަތި ފަރާތުގައި އަތްލައި، ހަޑި ހުތުރު ބަހުން ވާހަކަ ދައްކައި، ހަޑި ހުތުރު އަމަލުކޮށް، ޖިންސީ މުއާމަލާތެއް ހިންގަން އެދުނު ކަމަށެވެ.

ނަމަވެސް ދައުވާއަށް އިންކާރުކޮށް އަބްދުލްޣަނީ ވަނީ އެފަދަ އަމަލެއް ނުހިންގާކަމަށް މާތްﷲ ގަންދީ ހުވާކުރާ ކަމަށް ބުނެފައެވެ. ގާޒީ ވިދާޅުވީ މާތްﷲ ގަންދީ ހުވާ ކުރުމަކީ މައްސަލަ ނިންމޭނެ ސަބަބެއް ނޫން ކަމަށެވެ. އަދި ބަންދުގައި ހުރުމުން ވަކީލަކު ހަމަޖައްސަން ދަތިވާ ކަމަށް އަބްދުލްޣަނީ ބުނުމުން ގާޒީ ވަނީ ބަންދުގައި ހުންނަ އިރު އޭނާ ބޭނުންވާ މީހަކަށް ގުޅައިގެން ވަކީލަކު އައްޔަން ކުރެވޭނެ ގޮތް ހަމަޖައްސައިދިނުމަށް އަންގައިފައެވެ.