ކްރިމިނަލް ކޯޓް

ޖައިލަމްގެ މަރުގެ މައްސަލައިގައި ދޫކޮށްލި ތިން މީހަކު ހައްޔަރުކުރަން އަމުރުކޮށްފި

ހ. ހަންޑްރެޑް ފްލާވާ ޖައިލަމް އަހުމަދު ޝާކިރުގެ މަރުގެ މައްސަލައިގަ ދައުވާކުރާ ހަތަރު މީހުންގެ ތެރެއިން ދޫކޮށްލި ތިން މީހުން އަލުން ހައްޔަރު ކުރަން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

ޖައިލަމްގެ މަރުގެ މައްސަލާގައި ދައުލަތުން ދައުވާ އުފުލާފައި ވަނީ ވ.ސިނަމާލެ 4 01-04 އިސްމާއީލް އަނީގު އާއި ސ. ފޭދޫ ވީނަސްވިލާ ނަސީބު ސައީދު އާއި ޏ. ފުވައްމުލައް ޖަމްނާ އަލީ އިރުފާނުގެ އިތުރުން ގއ. ވިލިނގިލީ ފިޔަޖަހާގޭ މުހައްމަދު ހުމައިދުގެ މައްޗަށެވެ.

އެ ހަތަރު މީހުންގެ ތެރެއިން އަނީގު އާއި ނަސީބު އަދި އިރުފާން ބަންދުގައި ބަހައްޓާފައި ހުއްޓާ މިދިޔަ އަހަރުގެ ސެޕްޓެމްބަރު 20 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ ދޫކޮށްލައިފައެވެ.

ނަމަވެސް އެމީހުން އަލުން ހައްޔަރުކުރުމަށް އެދި ދައުލަތުން ކުރިމިނަލް ކޯޓަށް ސިޓީއެއް ފޮނުވާފައިވާތީ، ކުރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުގެ ވަކީލު ވިދާޅުވީ އެމީހުން އަލުން ހައްޔަރުކުރުމުގެ އަމުރަކަށް އެދުނީ އެމީހުންގެ ފަރާތުން ހެކިންނަށް ނުރައްކާވެދާނެ ކަމަށް ފެންނާތީއާއި އަދި އިންޓެލް ރިޕޯޓަކާއި ގުޅިގެން ކަމަށެވެ.

ދައުލަތުގެ ވަކީލު ވިދާޅުވީ ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓުން އެނގޭ ގޮތުގައި، މާރާމާރީ ހިންގުމުގެ ރިކޯޑް އޮންނަ ނުރައްކާތެރި ގްރޫޕްތަކުގައި އެ ތިން މީހުން އިސްކޮށް ހަރަކާތްތެރިވާ ކަމަށެވެ.

އަދި އެ ތިން މީހުން ނިސްބަތްވާ ގްރޫޕްތަކަށް ނިސްބަތްވާ މީހުން، އެ މައްސަލައިގައި ހިމެނޭ ހެކިންނަށް ބިރުދައްކާ ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

ނަމަވެސް ދިފާއީ ވަކީލް ވިދާޅުވީ އެމީހުން ދޫކުރުމަށް ކުރި އަމުރު ދައުލަތުން އިސްތިއުނާފު ނުކޮށް، ސިޓީއަކުން އެމީހުން ބަންދު ކުރުމަށް ކޯޓުގައި އެދުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

އެމައްސަލައިގައި ގާޒީ ވަނީ، ދޫކޮށްލާފައިވާ ތިން މީހުން ހައްޔަރު ކޮށްފިނަމަ ހެކިން ހާޒިރު ކުރެވޭނެތޯ ދައުލަތުގެ ވަކީލާ ސުވާލު ކުރައްވާފައެވެ. އެގޮތުން ދައުލަތުގެ ވަކީލް ވިދާޅުވީ، އެމީހުން ދޫކޮށްލާފައި ތިބުމުން ހެކިނާއި ހެކިންގެ އާއިލާތައް ތިބީ ބިރުވެރި ކަމެއްގެ ތެރޭގައި ކަމަށާއި ތިން މީހުން ބަންދުކޮށްފި ނަމަ ހެކިން ހާޒިރު ކުރެވޭނެ ކަމަށެވެ.

އެހެންކަމުން ކޯޓުން ވަނީ ތިން މީހުން ހައްޔަރުކުރުމަށް އަމުރުކޮށްފައެވެ.