ޝަހީދާ އަބްދުﷲ ސައީދު
ގދ. ތިނަދޫ ހޮސްޕިޓަލުން ކުޑަކުއްޖަކަށް ދިން ބޭހެއްގެ ސަބަބުން އެ ކުއްޖާގެ ދެ ކަންފަތް ބީރުވި މައްސަލައިގެ ބަދަލަށް ހަތް މިލިއަން ރުފިޔާ ދައްކަން ދައުލަތުގެ މައްޗަށް ސުޕްރީމް ކޯޓުން އަމުރުކޮށްފިއެވެ.
ސްޕްރީމް ކޯޓުން އެގޮތަށް ހުކުމްކޮށްފައި ވަނީ 2007 ވަނަ އަހަރު ގދ. ތިނަދޫ ހޮސްޕިޓަލަށް، ހުން އައިސްގެން ދިޔަ ތިން އަހަރުގެ ކުއްޖަކަށް ދިން ބޭހެއްގެ ސަބަބުން އެ ކުއްޖާ އިވުމުން މަހުރޫމުވެފައިވަނީ ޑޮކްޓަރުންގެ އިހުމާލުން ކަން ސާބިތުވެގެންނެވެ.
އެ ކުއްޖާގެ ދެ ކަންފަތް ބީރުވީ، ބަލަންވާ މިންވަރަށް ނުބަލައި އަދި ހަދަންޖެހޭ ޓެސްޓްތައްވެސް ނަހަދައި ޖެންޓަމައިސިން ދިނުމުންނެވެ.
އެމައްސަލައިގައި ކުއްޖާގެ ބައްޕަ ވަނީ ދައުލަތާއި ދެކޮޅަށް ދައުވާކޮށްފައެވެ.
އެ މައްސަލައިގައި ދަށު ކޯޓާއި ހައިކޯޓުން ވެސް ހުކުމްކޮށްފައިވަނީ ދައުލަތާ އެއްކޮޅަށެވެ.
ނަމަވެސް އެމައްސަލަ އިސްތިއުނާފު ކުރުމުން ސްޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވީ، އެ ކުއްޖާއަށް ފަރުވާ ދިނުމާ ގުޅޭގޮތުން ތިނަދޫ ހޮސްޕިޓަލްގައި ހުރި ލިޔުންތަކަށް ބަދަލު ގެނެސްފައިވާ ކަން ފުލުހުންގެ ފޮރެންސިކް ތަހުލީލުތަކުން އެނގެން އޮތް ކަމަށެވެ.
އެ ކުއްޖާއަށް ފަރުވާ ދިނުމުގައި ޑޮކްޓަރުން އަމަލުކުރީ އުސޫލުތަކާ އެއްގޮތަށް ކަމަށް އެކްސްޕާޓް ޑޮކްޓަރުން ބުނެފައި ވީނަމަވެސް، އެކްސްޕާޓުންގެ އެ ނިންމުން ބިނާ ކޮށްފައިވަނީ ބަދަލު ގެނެސްފައި ހުރިކަން ސާބިތުވާ ލިޔުންތަކެއްގެ މައްޗަށް ބިނާކޮށް ކަމަށްވާތީ އެ ކުއްޖާއަށް އެ ބޭސް ދިނީ ރަނގަޅަށް ކަމަށް ބެލެވެން ނެތް ކަމަށް ވަނީ ބުނެފައެވެ.
މީގެ އިތުރުން އިހުމާލެއް ނެތްކަން ސާބިތުކުރަން ދައުލަތުން ހެކީންގެ ގޮތުގައި ހުށަހެޅި، އެ ކުއްޖާ އަށް ފަރުވާ ދިން ޑޮކްޓަރުންނާއި ނަރުހުންގެ ހެކިބަހުގައި ވެސް ފުށުއެރުންތައް ހުރި ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.
ފަނޑިޔާރު ވިދާޅުވި ގޮތުގައި ފަރުވާ ދިނުމުގައި ޑޮކްޓަރަކު އިހުމާލުވެއްޖެ ނަމަ އެކަމުގެ ޒިންމާ އެ ޑޮކްޓަރު، ނުވަތަ އޭނާ ނިސްބަތްވާ ސިއްހީ ފަރުވާ ދޭ މަރުކަޒުން އުފުލަން ޖެހޭނެއެވެ.
އުއްތަމަ ފަނޑިޔާރު ވިދާޅުވީ، ފަރުވާ ދިނުމުގައި ޑޮކްޓަރުން އިހުމާލުވިކަން ސާބިތު ކުރުމަށް ތިން ރުކުނެއް ފުރިހަމަވާން ޖެހޭނެ ކަމަށެވެ. އެއީ ފަރުވާ ދިނުމަށް ޑޮކްޓަރުގެ މައްޗަށް ވާޖިބެއް އޮތުމާއި ފަރުވާ ދިނުމުގައި އަމަލުކުރި ގޮތުން ބަލި މީހާއަށް ގެއްލުމެއް ލިބިފައިވުމާއި ޑޮކްޓަރު ކުރި އަމަލާއި ބަލި މީހާއަށް ލިބުނު ގެއްލުން ސަބަބުގެ ގޮތުން ނުވަތަ ނަތީޖާގެ ގޮތުން ގުޅިފައިވުން ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.
އެ ރުކުންތައް ފުރިހަމަވާ ނަމަ، އިހުމާލުވި ޑޮކްޓަރު ނުވަތަ އެތަނަކުން އެކަމުގެ މަދަނީ މަސްއޫލިއްޔަތު، މަދަނީ އާންމު އުސޫލުގެ ތެރެއިން އުފުލަން ޖެހޭނެ ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.
އަދި ކުއްޖާއަށް ފަރުވާ ދިނުމުގައި ޑޮކްޓަރުން އިހުމާލުވިކަން ސާބިތުވެފައި އޮތުމުން އެކަމުގެ ޒިންމާ އެ ހޮސްޕިޓަލް ހިންގަމުންދާ ދިވެހި ދައުލަތުން އުފުލަން ޖެހޭނެ ކަމަށްވެސް ވިދާޅުވިއެވެ.
އެމައްސަލައިގައި ބަދަލުގެ ގޮތުގައި 7.1 މިލިއަން ރުފިޔާ ނަގައިދިނުމަށް އެދިފައިވާއިރު، އެބަދަލަކީ އެކަށީގެންވާ ބަދަލެއް ކަމަށް އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންނަށް ވެސް އެއްބަސްވެވޭ ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.
އެގޮތުން ދެ ކަންފަތުގެ އިވުން ގެއްލިފައިވާތީ އިލެކްޓްރޯނިކް ވަސީލަތެއްގެ އެހީ ކަންފަތުގައި ބޭނުން ކުރަން ޖެހުމާއި ކޮންމެ ހަ މަހަކުން އެކަމަށް ޚަރަދު ކުރަން ޖެހުމާއި އެކަމަށް ރާއްޖެއިން ބޭރުގައި ތިބެގެން ކުރަންޖެހޭ ޚަރަދުތަކުގެ ތަފްސީލުތައް ހުށަހަޅާފައިވާއިރު، އަދި އެ ކުއްޖާ އަށް ލިބިފައިވާ ނަފްސާނީ ގެއްލުމާއި ދިރިއުޅުމުގެ ބާކީ އޮތް ބައިގައި ބަައެއް ފުރުސަތުތައް ގެއްލިގެން ގޮސްފައިވާތީ އެ ހުރިހާ ކަންކަމަށް ބަލާއިރު، 7.1 މިލިއަން ރުފިޔާއަކީ އެކަށީގެންވާ ބަދަލެއް ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.