ކްރިމިނަލް ކޯޓް

ލުތުފަރު މަރާލި މައްސަލައިގެ ދައުވާ ބާތިލުކޮށް އަލުން ތަހުގީގު ކުރަން އަންގައިފި

ޝަހީދާ އަބްދުﷲ ސައީދު

ށ. ޅައިމަގު ކުރިމަގު ބޯޓްގެ ފަޅުވެރިއަކަށް އުޅުނު ބަންގްލަދޭޝްގެ ލުތުފަރު މަރާލި މައްސަލައިގައި ތިން ބިދޭސީއެއްގެ މައްޗަށް ކުރި ދައުވާ ބާތިލުކޮށް، އަލުން އެމައްސަލަ ތަހުގީގު ކުރަން ކުރިމިނަލް ކޯޓުން ދައުލަތަށް އަންގައިފިއެވެ.

ލުތުފަރު މަރާލި މައްސަލައިގައި ދައުވާ ކުރަނީ ކުރިމަގު ބޯޓުގައި ލުތުފަރުއާ އެކު މަސައްކަތް ކުރި ބަންގްލަދޭޝްގެ ތިން މީހުން ކަމަށްވާ ނޫރުލްއިސްލާމް، އަލަމިން، އަދި އެމްޑީ އަހްތަރު ހުސެއިންގެ މައްޗަށެވެ.

އެ ތިން މީހުންގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ އެނގިހުރެ މީހަކު މެރުމުގެ ދައުވާއެވެ.

އެ ކުށަށް ކުރިން އެ ތިން މީހުން އިއުތިރާފްވެ، ޖިނާއީ އިޖްރާއާތުގެ ގާނޫނުގެ ދަށުން ދައުލަތާ އެކު އިއުތިރާފްގެ އެއްބަސްވުމެއްގައި ސޮއި ކުރި ނަމަވެސް ފަހުން އެ މީހުން ވަނީ ކޯޓުގައި އެކަމަށް އިންކާރުކޮށް، ސޮއިކުރީ ފުލުހުން އަނިޔާކޮށް، ބިރުދައްކައި މަޖުބޫރު ކުރުމުން ކަމަށް ބުނެފައެވެ.

އެ މައްސަލާގައި ކްރިމިނަލް ކޯޓުން މިއަދު ނިންމީ އެ ތިން މީހުން ވެސް ކުށަށް އިއުތިރާފްވެފައިވާތީ، އެ އެއްބަސްވުން ނިމުމަކަށް އައިސްފައިވާ ކަމަށެވެ. އަދި އެ މައްސަލައިގެ ތަހުގީގު ފުރިހަމަ ކުރުމަށް 30 ދުވަހުގެ މުއްދަތެއް ދިނުމަށް ކަނޑައަޅައި މިހާރު ކޯޓުގައި އޮތް މައްސަލަ ބާތިލްކުރަން ކޯޓުން ވަނީ ނިންމައިފައެވެ.

ދައުވާގައިވާ ގޮތުން އެ ތިން މީހުން ލުތުފަރު މަރާލީ އޭނާ ބޯޓުުގެ ތައްޓު މައްޗަށް ވައްޓާލައި ނޭވާ ހާސްކޮށްގެންނެވެ.

އެގޮތުން އަލަމިން، ލުތުފަރުގެ ފައިގައި ހިފަހައްޓައިގެން ހުރި އިރު، ނޫރުލްއިސްލާމް ގެންދިޔައީ ލުތުފަރުގެ އަނގަ އާއި ނޭފަތުގައި އަތް އަޅައި ނޭވާ ހާސްކުރަމުން ކަމަށް ދައުވާގައިވެ އެވެ. އަދި އެމްޑީ އަހްތަރު ހުސެއިން ލުތުފަރުގެ ކަރުގައި ހިފައި ނޭވާ ހާސްކުރަމުން ދިޔަ ކަމަށް ދައުވާގައިވެ އެވެ.