ފ. ފީއަލީގައި އީދު ކުޅިވަރުގެ ހަރަކާތްތައް ހިންގުމުގައި ދެ ބައެއްގެ ދެމެދުގައި ޖެހުނު މައްސަލައެއް ހައްލު ކުރުމަށް ދިޔަ ފުލުހުންތަކަކަށް ހުރަސްއެޅި ބަޔަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައިގައި ފުލުހުންގެ ވާޖިބަށް ހުރަސްއެޅުމުގެ ސަބަބުން ކޯޓު އަމުރެއްގެ ދަށުން 4 ފިރިހެނުން ހައްޔަރުކޮށްފައި ވެއެވެ.
ފުލުހުން މިއަދު ބުނީ، ފީއަލީގައި އާއްމު އިޖްތިމާއީ މިންގަނޑާ ހިލާފުވެ ރަށުގެ މަސްލަހަތު ނަގާލަން ބަޔަކު މަސައްކަތް ކުރުމުން އެކަން ހުއްޓުވަން ފުލުހުން ކުރި މަސައްކަތުގައި ފުލުހުންގެ ވާޖިބަށް ހުރަސްއަޅައި، ފުލުހުންނަށް އިންޒާރު ދިން މައްސަލައަކާ ގުޅިގެން މިއަދު ކޯޓު އަމުރެއްގެ ދަށުން 4 ފިރިހެނުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމަށެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ 42 އަހަރު، 40 އަހަރު، 46 އަހަރު އަދި 43 އަހަރުގެ ހަތަރު މީހުންނެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
''ވަންއޮންލައިން'' އަށް މައުލޫމާތު ދެއްވަމުން ފީއަލީ ކައުންސިލުގެ ރައީސް މުހައްމަދު ޖަލީލު ވިދާޅުވީ، އެރަށުގައި މިއަހަރު އަލްހާ އީދު ކުލަގަދަކޮށް ފާހަގަކުރުމަށްޓަކައި ކައުންސިލުން އިސް ނަގައިގެން ގިނަ ހަރަކާތްތަކެއް ރާވާފައިވާ ކަމަށެވެ.
އަދި އެކަމުގައި މުއައްސަސާތައް ރައްޔިތުންނާ ބައްދަލުކޮށް މަޝްވަރާކުރުމަށްފަހު ރަށުގެ ބަނދަރު ސަރަހައްދު ތައްޔާރުކުރަމުން ދަނިކޮށް ''ފީއަލީ ޒުވާނުންގެ ގުޅުން'' ޖަމްއިއްޔާއިން މަސައްކަތަށް ހުރަސް އަޅާފައިވާކަމަށް ޖަލީލު ވިދާޅުވިއެވެ.
ޖަލީލު ވިދާޅުވީ ކައުންސިލުން ބަނދަރު ސަރަހައްދުގައި އީދުގެ ކުޅިވަރުތައް ކުރިއަށް ގެންދަން ނިންމި ފަހުން ޖަމުއިއްޔާއިން އެ ސަރަހައްދު ހޯދުމަށް އެދުނު ކަމަށެވެ. ނަމަވެސް ބަނދަރު ސަރަހައްދު ނޫން އެހެން ބިމެއް ހޯދުމަށް ހުށަހެޅުމަށް އެނގުމުން ވެސް ބޭނުންވަނީ ބަނދަރު ސަރަހައްދު ކަމަށް ބުނެ އިންކާރު ކުރި ކަމަށް ވިދާޅުވިއެވެ.
އަދި އެންމެ ފަހުން ބަނދަރު ސަރަހައްދުގައި ޖަމްއިއްޔާއިން ބެހެއްޓި ތަކެތި ނެގުމަށް މުއްދަތު ދިނުމުން އެމުއްދަތުގައި ނަގާފައި ނުވާތީ، ތަކެތި ނެގުމުގެ މަސައްކަތް ކައުންސިލުން ކުރަމުންދަނިކޮށް، ހައެއްކަ އަންހެނުން ނުކުމެ ހުރަސްއެޅި ކަމަށް ޖަލީލު ވިދާޅުވިއެވެ.
އޭގެ ފަހުން ބަޔަކު ނުކުމެ މަސައްކަތަށް ހުރަސްއެޅުމުން ފުލުހުންގެ އެހީއަށް އެދުނީ ކަމަށާއި އަދި ފުލުހުން އެސަރަހައްދަށް ދިއުމުން ފުލުހުންގެ ވާޖިބަށް ވެސް ހުރަސްއެޅި ކަމަށް ޖަލީލު ވިދާޅުވިއެވެ.
ހައްޔަރުކުރި ހަތަރު މީހުންގެ ތެރޭގައި ''ފީއަލީ ޒުވާނުންގެ ގުޅުން'' ޖަމްއިއްޔާގެ ރައީސް އަހުމަދު ޒާހިރު ހިމެނެއެވެ.