އެމްއައިޓީޑީސީ ވެފައި އޮތީ ޓޫރިޒަމް މިނިސްޓްރީން މަނީ ލޯންޑަ ކުރަން ކުރީގެ ސަރުކާރުގައި ބޭނުން ކުރި ކުންފުންޏެއް ގޮތުގައި ކަމަށް އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރާއިދު ވިދާޅުވެއްޖެއެވެ.
ރާއިދު މިހެން ވިދާޅުވީ، މޯލްޑިވްސް އިންޓެގްރޭޓެޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) ގެ މެންބަރުން އިއްޔެ ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯން އެންޓަޕްރައިސަސް ކޮމެޓީއަށް ހާޒިރުކޮށް ކުންފުނި އުވާލުމާއި ގުޅޭ ގޮތުން ވާހަކަ ދެއްކެވުމުން އެކަމަށް ދެކޮޅު ހައްދަވައި އޭނާ ދެއްކެވި ވާހަކައިގައެވެ.
ރާއިދު ވިދާޅުވީ ކުރީގެ ސަރުކާރުގައި އެކުންފުނިން ހިންގާފައިވާ ބޮޑެތި ހިޔާނާތްތައް އެބަހުރި ކަމަށެވެ.
އެގޮތުން ސީއެސްއާރުގެ ގޮތުގައި 14 ރިސޯޓަކުން ޖުމްލަ 2.36 މިލިއަން ޑޮލަރު ޓުއަރިޒަމް މިނިސްޓްރީއަށް ލިބިފައިވާއިރު، އެފައިސާއަކީ އެމްއައިޓީޑީސީގެ ފައިސާ ނޫން ކަމަށް ވިދާޅުވިއެވެ.
އަދި އެފައިސާއަކީ އެމްއައިޓީޑީސީއަށް ލިބިފައިވާ ފައިސާއެއް ނޫން ކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ އެއީ ރިސޯޓުތަކުން ސީއެސްއާރުގެ ގޮތުގައި ޓޫރިޒަމް މިނިސްޓްރީއަށް ދިން ފައިސާ ކަމަށެވެ.
އޭނާ ވިދާޅުވީ ރިސޯޓުތަކުން ސީއެސްއާރުގެ ނަމުގައި ޓޫރިޒަމް މިނިސްޓްރީއަށް ލާރި ނެގުމަށްފަހު އެލާރި ވެއްދީ އެމްއައިޓީޑީސީގެ އެކައުންޓަށް ކަމަށެވެ.
ރާއިދު ވިދާޅުވީ އެއީ މަނީ ލޯންޑްރިންގެ އަމަލެއް ކަމަށާއި އެ މައްސަލަތައް މިހާރު އޭސީސީއަށް ހުށަހަޅާފައިވާ ކަމަށެވެ.
ސީއެސްއާރުގެ ގޮތުގައި 2.36 މިލިއަން ރުފިޔާ ލިބިފައިވާއިރު 21 މަސައްކަތަކަށް އެފައިސާ ހަރަދުކޮށްފައިވާ ކަމަށް ރާއީދު ވަނީ ވިދާޅުވެފައެވެ.