އެކްޓަރ/ ޑައިރެކްޓަރ އަބްދުﷲ މުއާޒުގެ އެންމެ ފުރަތަމަ ފީޗާ ފިލްމު "ލީނާ" އަށް ބެލުންތެރިން ކުރަމުން އައި އިންތިޒާރަށް ނިމުމެއް އައީ ރޭގައެވެ.
ދެއަހަރުގެ މަސައްކަތުން ނިންމާލި ފިލްމު ރޭ ވަނީ ޕްރިމިއަރ ކޮށްފައެވެ.
އެފިލްމު ޕްރިމިއަރ ކޮށްދެއްވީ ކޮމެޑީ ރޯލު ތަކުން ބެލުންތެރިންގެ ލޯބި ހޯދި އެކްޓަރު މުހައްމަދު އަބްދުﷲ(މުހައްމާ)އެވެ. ފިލްމު "ލީނާ" ބަލަން ވަރަށް ގިނަ މީހުން ދިޔަކަން ފާހަގަކޮށްލެވެއެވެ.
ފިލްމަށް ލިބެމުންދާ ތަރުހީބާމެދު، ފިލްމުގެ ތަރިންވެސް ތިބީ ވަރަށް ހިތްހަމަޖެހިފައެވެ.
"ވަންއޮންލައިން" އާ ވާހަކަ ދައްކަމުން ފިލްމުގެ ބަތަލާ މަރިޔަމް އައްޒަ ބުނީ، ލީނާއަށް ބެލުންތެރިންގެ ފަރާތުން ނެގެޓިވް ކޮމެންޓެއް ނުލިބޭ ކަމަށެވެ.
"ވަރަށް ވަރަށް ހިތްހަމަޖެހޭ. ބެލުންތެރިންނަށް ކަމުގޮސްގެން އެވާހަކަ ދައްކަމުންދަނީ. ވަރަށް ހިތްހަމަޖެހޭ ކުރެވިފައި ހުރި މަސައްކަތަށްވެސް" ދިވެހި ފިލްމީ ދާއިރާގައި އެންމެ ގިނަ މީހުންގެ ސަމާލުކަން ލިބިފައިވާ ހުނަރުވެރި ބަތަލާ ބުންޏެވެ.
އައްޒަ ބުނީ ފިލްމާ ދޭތެރޭގައި ގޮތް ނިންމާނީ ބެލުންތެރިން ކަމަށާއި، އޭނާ އެދެނީވެސް ފިލްމު ބެލުމަށްފަހުގައި، ފިލްމު ޖަޖު ކުރުމަށް ކަމަށެވެ.
ލީނާ ބެލުމަށްފަހު ވަންއޮންލައިންއާ ވާހަކަ ދެއްކި ގިނަ މީހުން ބުނީ ފިލްމު ވަރަށް ރީތި ކަމަށެވެ.
"ދެވަނަ ފަަހަރުވެސް ބަލަން ބޭނުން. ތަރިންގެ އެކްޓިން ވަަރަށް ރަނގަޅު. ހާއްސަކޮށް އައްޒަގެ އެކްޓިން ވަރަށް ކަމުދޭ" ފިލްމު ލީނާއާއި ގުޅޭގޮތުން ވާހަކަ ދެއްކި ޒުވާނަކު ބުންޏެވެ.
ދިވެހި ފިލްމު ލީނާ އަކީ މަރާލާފައިވާ އަންހެން ކުއްޖެއްގެ ވާހަކަ ގެނެސްދޭ ފިލްމެކެވެ.
އެފިލްމު އުފައްދަން އިންސްޕަޔަރވީ މީގެ 10 އަހަރު ކުރިން މަރާލާފައިވާ އަޒްލީނާ ނަފީސްގެ މަރުގެ ހާދިސާއިން ކަމަށް ފިލްމުގެ ޑައިރެކްޓަރ މުއާ ބުނި ހިސާބުން، އެ ފިލްމުގެ މައްސަަލަ ހޫނުވއެވެ.
މުއާ އަދި މުހައްމަދު ސައްޔާހު ޕްރޮޑިއުސްކޮށްފައިވާ ފިލްމު ލީނާގެ ތަރިންގެ ގޮތުގައި އައްޒަ، މުއާ، މަރިޔަމް ހަލީމް، އަލީ އާޒިމް (ދޮން އައްޔަ)، އަހުމަދު ސައީދު، ޒީނަތު އައްބާސް، އަހުމަދު ނިމާލު އަދި ނުޒުހަތު ޝުއައިބް (ނުޒޫ) ފެނިގެންދެއެވެ.