މިނިސްޓަރު އިމްރާން އަބްދުﷲ

މަރުގެ ހުކުމް ތަންފީޒު ކުރުމުގައި ސަރުކާރުގެ ސިޔާސަތު ބެލުމަށް އިމްރާން މަޖިލީހަށް ހާޒިރުކުރަނީ

ޝަހީދާ އަބްދުﷲ ސައީދު

ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ކުރުމާއި މެދު ސަރުކާރުން ގެންގުޅޭ ސިޔާސަތަކީ ކޮބައިތޯ ބެލުމަށް، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރުމަށް ހުށަހަޅުއްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު މަޖިލީހަށް މިއަދު ހުށަހެޅުއްވި ލިޔުމުގައި ވަނީ ސަރުކާރުން މަރުގެ ހުކުމް ތަންފީޒު ނުކުރާނެ ކަމަށް ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ނަސީމް ބައިނަލްއަގްވާމީ ބައްދަލުވުމެއްގައި ހާމަ ކުރައްވާފައިވާ ކަމަށެވެ.

އެހެންކަމުން އިސްލާމީ ޝަރީއަތްތަކުގެ އިޖުރާއަތްތައް ފުރިހަމަވެ، މަރަން ހުކުމް ކޮށްފައިވާ މީހެއްގެ އަދަބު ތަންފީޒު ކުރުމާ ބެހޭގޮތުން ސަރުކާރުގެ ސިޔާސަތަކީ ކޮބައިތޯ ސާފު ކުރުމަށް ތޯރިގު ހުށަހަޅުއްވާފައިވެއެވެ.

މަރުގެ ހުކުމް ތަންފީޒު ކުރުމާއި މެދު ސަރުކާރުން ގެންގުޅޭ ސިޔާސަތު ބެލުމަށް މަޖިލީހަށް ހޯމް މިނިސްޓަރު ހާޒިރުކުރަން ހުށަހެޅި އިރު، ކުރީގެ ސަރުކާރުން މަރުގެ ހުކުމް ތަންފީޒު ކުރުމަށް މާފުށީ ޖަލުގައި ވަނީ އެކަމަށް ހާއްސަ މަރުކަޒެއް ހަދައި ވާންޖެހޭ ހުރިހާ ތައްޔާރީތަކެއް ވެފައެވެ.

ރާއްޖޭގައި އެންމެ ފަހުން މަރުގެ ހުކުމް ތަންފީޒުކޮށްފައިވަނީ 1953 ގައި މުހައްމަދު އަމީންގެ ވެރިކަމުގައެވެ.