އައިޝްވަރްޔާ ރާއީ އަދި އަބީޝެކް ބައްޗަން އަކީ ބޮލީވުޑްގެ ތަރިންގެ ޖޯޑުތަކުގެ ތެރެއިން ބެލުންތެރިން އެންމެ ލޯބިވާ ދެތަރިންނެވެ.
އެދެމީހުން ކައިވެނިކޮށްފައިވަނީ، 2007 ވަނަ އަހަރުގެ އޭޕްރީލްމަހުގެ 20 ވަނަ ދުވަހުގައެވެ.
ކައިވެނި ކުރީއްސުރެ އެދެމީހުން ދިރިއުޅެމުން އަންނަނީ ވަރަށް ލޯބިން ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެއެވެ.
ދެމަސްދުވަހު އިންސްޓަގްރާމްގައި އެއްވެސް ފޮޓޯއެއް ހިއްސާ ނުކޮށް ހުރުމަށްފަހު އައިޝްވަރްޔާ ހިއްސާ ކުރި ފޮޓޯތަކުންވެސް އެ ދެމަފިރިންގެ މެދުގައި އޮންނަ ލޯބި ވަނީ ހާމަވެގެން ގޮސްފައެވެ. އައިޝްވަރްޔާ ވަނީ އަބީޝެކްގެ ތިން ފޮޓޯއެއް އިންސްޓެގްރާމް ކުރުމަށް ފަހު، އަބީޝެކްގެ ބައިބަލާ ޓީމް، ދަ ޕިންކް ޕެންތާއަށް ހިތްވަރު ދީފައެވެ.
އައިޝްވަރްޔާ އެގޮތަށް ހިތްވަރު ދިނުމުން އަބީޝެކް ވަނީ، އައިޝްވަރްޔާ އަކީ އޭނާ އާއި އޭނާގެ ޓީމުގެ ނަސީބުގެ ގޮތުގައި ސިފަކޮށްފައެވެ.
"އަހަރުމެންގެ ލަކީ ޗާމް" އައިޝްވަރްޔާ ހިއްސާ ކުރި ފޮޓޯތަކަށް ކޮމެންޓް ކުރަމުން އަބީޝެކް ބުނީ އެހެންނެވެ.