ޝަހީދާ އަބްދުﷲ ސައީދު
މާރާމާރީ ހިންގުމަށްފަހު ޑޮލަރު ފޮއްޓެއް ކަމަށް ހީކޮށް ހުސް ފޮއްޓެއް ފޭރިގަނެގެން ދިޔަ މައްސަލައެއް ތަހުގީގުކުރަން ފަށައިފިއެވެ.
ފުލުހުން މިރޭ ބުނީ، ރޭގެ ވަގުތެއްގައި ޗާންދަނީ މަގުގައި ހުރި ވެސްޓަން ޔޫނިއަން ކައިރިން މާރާމާރީއެއް ހިންގައިގެން އާންމު ފަރާތަކުން ފުލުހުންނަށް ރިޕޯޓް ކުރި ކަމަށާއި ފުލުހުން ދިޔައިރު އެއީ ފޭރުމާ ގުޅިގެން މީހަކަށް ތުހުމަތުކޮށް އަނިޔާ ކުރި މައްސަލައެއްކަން އެނގުނު ކަމަށެވެ.
އަދި އެ ސަރަހައްދުގައި ހުރި ފައިސާގެ މުއާމަލާތް ކުރާ ފިހާރައަކުން 20،000 އެމެރިކާ ޑޮލަރާއި 30،000 އާ ދެމެދު އަދަދަކަށް ޑޮލަރު އަޅާފައި ހުރި ފޮއްޓެއް ފޭރިގެންފައިވާ ކަމަށް ފުލުހުންނަށް މައުލޫމާތު ލިބުމުން ވަގުތުން މައްސަލައިގެ ތަހުގީގު ފަށައި، ފޭރުނު މީހުން ހޯދުމުގެ މަސައްކަތްވެސް ފަށާފައިވާކަމަށް ފުލުހުން ބުންޏެވެ.
އަދި އެކަމާ ގުޅޭ މައުލޫމާތު ހޯދުމަށް ގިނަ މަސައްކަތްތަކެއް ފުލުހުން ކޮށްފައިވާ ކަމަށެވެ.
ފުލުހުން ބުނީ އެމައްސަލައިގައި މިހާތަނަށް ކުރި ތަހުގީގަށް ބަލާއިރު ފޭރިގެން ފޮށީގައި އެއްވެސް ފައިސާއެއް ނެތް ކަމަށާއި ފޭރިގެންފައިވަނީ ފައިސާ އަޅާފައި ހުރި ފޮށި ނޫން އެހެން ފޮއްޓެއް ކަމަށެވެ.
އެހެންކަމުން ފޭރުނު މައްސަލައާއި މާރާމާރީ ހިންގި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެއެވެ.