އިބްރާހިމް ޒަކީ
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ދިރާސާ ކުރަމުން އަންނަ 800 އަށްވުރެ ގިނަ އޯޑިޓް ރިޕޯޓްގައި އޮތީ ހުސް ވައްކަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް ވިދާޅުވެއްޖެ އެވެ.
މާލިއްޔަތު ކޮމިޓީން ދިރާސާކޮށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅި ބައެއް އޮޑިޓް ރިޕޯޓްތަކާބެހޭގޮތުން ވާހަކަ ދައްކަވަމުން ސިޔާމް ވިދާޅުވީ، ރައްޔިތުންނަށް ފޯކޮށްދޭންޖެހޭ ހިދުމަތަށް ބޭނުންކުރާ ފައިސާއިން މާކުރިންސުރެވެސް ވައްކަން ކުރަމުން އަންނަކަމަށެވެ.
ކޮރަޕްޝަނާއި ވައްކަން ކޮށްފައިވާ ފަރާތްތައް ހޯދައި، އެ ފައިސާ ހޯދުމަށް ސަރުކާރާއި ރައްޔިތުންގެ މަޖިލީހުން ކުރާ މަސައްކަތްތައް ފާހަގަ ކުރައްވައި ސިޔާމު ވިދާޅުވީ، އިއްޔެ ވައްކަންކުރިމީހުންގެ ފަހަތުން ދުވާއިރު މީގެ 25 އަހަރު ކުރިން ވައްކަން ކުރި ފަރާތްތަކުގެ ކަންތައްތައްވެސް ބަލަންޖެހޭ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރޭގައި މެންބަރުން ދައްކަވާ، ވާހަކަތަކުގައި އެކި ފަރާތްތަކަށް އަމާޒުކޮށް ދޮގު ހެދުމުގެ ތުހުމަތުކުރާ މައްސަލައާ ބެހޭގޮތުން ސިޔާމް ވިދާޅުވީ، ދޮގުހަދާ މީހުން އެންމެ ގިނައީ ސިޔާސީ ޕާޓީތަކާއި ސިޔާސީ ލީޑަރުންގެ ތެރޭގައި ކަމަށެވެ.
އަދި މަޖިލީހުގައި ވޯޓެއް އަންނައިރު، ދެ މިލިޔަން ރުފިޔާ ލިބޭތީ ބައެއް މެންބަރުން އަނެއްކޮޅަށް ވޯޓު ލުމުގެ ހާދިސާ ތަކަކީ ހިނގާފައިވާ ހާދިސާތަކެއް ކަމަށާއި އެއީ ރައްޔިތުންނަށް ހަރާންކޯރުވުން ކަމަށް ސިޔާމު ވިދާޅުވިއެވެ.
ސިޔާމު ވިދާޅުވީ މިފަދަ ހާލަތުގައި އޮއްވައި މަޖިލީހުގެ ތެރެއިން ވަކި ފަރާތްތަކެއްގެ ނުބައިވާހަކަ ދައްކައި ވަކި ފަރާތެއް ޕިން ޕޮއިންޓް ކުރުމަކީ މެންބަރުންނަށް ލިބިގެންވާ ހައްގެއްނޫން ކަމަށެވެ.