އަކްޝޭ ކުމާރަކީ ހުނަރުވެރި ތަރިއެކެވެ. ތަފާތު ރޯލުތަކުން، މޮޅު އެކްޓިންއެއް ދައްކައިގެން އަކްޝޭ ވަނީ ބެލުންތެރިންގެ ލޯބި ހޯދާފައެވެ.
ފަހަކަށް އައިސް އަކްޝޭ އެންމެ ގިނައިން ފެނިގެން ގޮސްފައިވަނީ ކޮމެޑީ ރޯލުތަކުންނެވެ. އަކްޝޭގެ ކޮމެޑީ ރޯލުތަކަށް ލިބޭ ތަރުހީބުވެސް ނިކަން ބޮޑެވެ.
ބީ-ޓައުންގެ ފޭނުންނަށް އަކްޝޭގެ ލަވަކިޔުމުގެ ހުނަރުވެސް ވާނީ ފެނިފައެވެ. އަކްޝޭ ވަނީ "ސިންހް އިޒް ކިންގް" "ސްޕެޝަލް26" އަދި "އެންޓަޓެއިންމެންޓް" ގައިވެސް ލަވަކިޔާފައެވެ.
މިފަހަރު އަކްޝޭގެ ލަވަކިޔުން މުޅިން އެހެން ހަރުފަތަކަށް އަރަން މިވަނީ ތައްޔާރުވެފައެވެ. އެގޮތުން ކޮމެޑީ-ޑްރާމާއެއް ކަމަށްވާ "ހައުސްފުލް4"ގައި އަކްޝޭގެ ރެޕް ލަވައެއް އިވިގެން ދާނެ ކަމަށް ބޮލީވުޑްގެ ޚަބަރުތައް ދަނީ ބުނަމުންނެވެ.
ފިލްމުގައި އަކްޝޭގެ ރެޕް ލަވައެއް ހިމެނުމަކީ ޑައިރެކްޓަރ ފަރްހަދު ސަމްޖީގެ ހިޔާލެކެވެ. އަކްޝޭ ލައްވާ އެންމެ ފުރަތަމަ ލަވަ ކިޔުއްވާފައިވަނީވެސް ފަރްހަދުއެވެ. އެއީ ފިލްމު "އެންޓަޓެއިންމެންޓް"ގައެވެ.
ރިޕޯޓްތައް ބުނާގޮތުގައި "ހައުސްފުލް4"ގައި އަކްޝޭ ރެޕް ކުރުމަށް ހަމަޖެއްސުމުން ޕްރޮޑިއުސަރު ސާޖިދު ނަޑިއަޑްވާލާވެސް ހުރީ ވަރަށް އުފަލުންނެވެ. އަކްޝޭ ރެޕް ކުރުމަށް ހަމަޖެހިފައިވާ ލަވަ ކޮމްޕޯޒް ކުރާނީ ތަނިޝްކު ބަގްޗީއެވެ.
ހައުސްފުލްގެ ހަތަރު ވަނަ ސީކުއެލްއިން ބެލުންތެރިންނަށް ފެނިގެންދާނެ ތަރިންގެ ތެރޭގައި ކްރިތީ ސަނޮން، ރިތޭޝް ދޭޝްމުކް،ބޮބީ ޑިއޯލް، ޕޫޖާ ހެޖް އަދި ޖޮނީ ލިވަރގެ އިތުރުން ޗަންކީ ޕާންޑޭވެސް ހިމެނެއެވެ.