މުނިފޫހިފިލުވުން

މިހިސާބަށް އާދެވުނީ ވަރަށް ބުރަ މަސައްކަތުން: ކެޓްރީނާ

ފަތޯނާ ފާއިޒު

ބޮލީވުޑްގައި އެންމެ އުހުގައި ފިޔަޖަހަމުން އަންނަ ތަރިންގެ ލިސްޓުން ޖާގައެއް ހޯދުނީ ވަަރަށް ބުރަ މަސައްކަތުން ކަމަށް މަޝްހޫރު ބަތަލާ ކެޓްރީނާ ކައިފް ބުނެފިއެވެ.

ކެޓްރީނާއަކީ އިންޑިއާއަށް ނިސްބަތްވާ މީހެއް ނޫންކަމުން، ހިންދީ ބަހުން ރީތިކޮށް ވާހަކަ ދެއްކުންވެސް އޭނާއަށް ވީ ވަރަށް ބޮޑު ގޮންޖެހުމަކަށެވެ. ކެޓްރީނާގެ ފިލްމީ ހަޔާތުގެ އެންމެ ފުރަތަމަ ދުވަސްވަރު އޭނާގެ އަޑުވެސް ގެނެސްދިނީ އެހެން މީހަކު ލައްވާ ޑަބްކޮށްގެންނެވެ. އެގޮތުން އޭނާގެ ބޮޑެތި ޕްރޮޖެކްޓްތަކުގެ ތެރެއިން "މެއިނޭ ޕިޔާރް ކިޔޫން ކިޔާ"، "ސަރުކާރު" އަދި "ހަމްކޯ ދީވާނާ ކަރްގަޔޭ" ފަދަ ފިލްމުތަކުގައި ކެޓްރީނާގެ އަޑު ވަނީ ޑަބްކޮށްފައެވެ.

"މި އިންޑަސްޓްރީއަށް އައި އިރު އެނގުނު މިހާރު މި ހުރި ހިސާބަށް އާދެވޭނީ ވަަރަށް ބުރަކޮށް މަސައްކަތް ކޮށްގެންކަން" ކެޓްރީނާ ބުންޏެވެ.

ކެޓްރީނާ އެންމެ ފުރަތަމަ ބޮލީވުޑަށް ތައާރަފުވީ 2003 ވަނަ އަހަރުގައި ރިލީޒް ކުރި ފިލްމު "ބޫމް"އިންނެވެ. އެފިލްމަށް މާބޮޑު ތަރުހީބެއް ނުލިބުނު ނަމަވެސް "ނަމަސްތޭ ލަންޑަން" "ސިންހް އިޒް ކިންގް" "ޒިންދަގީ ނާމިލޭގީ ދޮބާރާ" އަދި "ޖަބްތަކްހޭ ޖާން" ފަދަ ފިލްމުތަކަކީ ބެލުންތެރިންގެ ލޯބި ލިބުނު ފިލްމުތަކެވެ.