މިނިސްޓަރު އިމްރާން އަބްދުﷲ

ފުލުހުންނަށް އެންމެންގެ ރުހުމާއި ލޯތްބެއް ނުލިބޭނެ: މިނިސްޓަރު އިމްރާން

ފަތޯނާ ފާއިޒު

ފުލުހުންގެ މުއައްސަސާއަކީ އެންމެންގެ ރުހުމާއި ލޯބި ލިބޭނެ މުއައްސަސާއެއް ނޫން ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ޕޮލިސް މެމޯރިއަލްޑޭ ފާހަގަކުރުމަށް މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހޯމް މިނިސްޓަރު އިމްރާން ވިދާޅުވީ، ފުލުހުންގެ މުއައްސަސާއަށް އަބަދުވެސް ގޮންޖެހުންތަކާއި ހުރަސްތައް ކުރިމަތިވާ ކަމަށެވެ. އަދި ފުލުހުންގެ މަސްއޫލިއްޔަތަކީ އެންމެންގެ ލޯތްބާއި ރުހުން، އަދި އެހީތެރިކަންވެސް ލިބޭނެ މަސްއޫލިއްޔަތެއް ނޫން ކަމަށް މިނިސްޓަރު އިމްރާން ވިދާޅުވިއެވެ.

"މި ޒިންމާއާއި މަސްއޫލިއްޔަތުގައި ކުރިމަތިލާން ޖެހެނީ ގާނޫނާއި ގަވައިދުން ބޭރުވެތިބޭ ބައެއް ފަރާތްތަކާ. އެފަރާތްތަކުގެ ކިބައިން އަބަދުމެ ގޮންޖެހުމާއި ދަތިތަކާއި ކުރިމަތިލާންޖެހޭ. އެކަމުގައި ކެތްތެރިކަމާއި، ހިތްވަރާއި އެކުގައި ސާބިތުވެ ތިބެން ޖެހޭނީ ގާނޫނާއި އަހްލާގިއްޔާތުގެ ހަމަތަކުގެ ތެެރެއިން. އެގޮތުގައި ތިބިހާ ހިނދަކު އަޅުގަނޑުމެންނަށް ލިބޭ ގެއްލުމަކީ އަޅުގަނޑުމެން އެންމެން ބައިވެރިވާނެ ކަމެއް." ހޯމް މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.

ފުލުހުންގެ މަސައްކަތަކީ ގައުމީ، ދީނީ ބޮޑު ޒިންމާއެއްގެ ގޮތުގައި ސިފަކުރައްވަމުން، ހޯމް މިނިސްޓަރު ވިދާޅުވީ ފުލުހުން ވާޖިބު އަދާކުރަނީ އެބައިމީހުންގެ އަމިއްލަ ނަފުސާއި ހަށިގަނޑަށްވުރެ ގައުމުގެ ސަލާމަތާއި މަސްލަހަތު އިސްކޮށްގެން ކަމަށެެވެ.

"އެބައި މީހުންނާއި ކުރިމަތިލާން ޖެހުނު ކޮންމެ ކަމެއްގައި، ޖެހިލުމެއް ފަސްޖެހުމެއް ނެތި ކުރިމަތިލަމުން އެދަނީ އެބައިމީހުންނާއި ހަވާލު ކުރެވިފައިވާ ވާޖިބާއި މަސްއޫލިއްޔަތު އަދާކުރުމަށް." މިނިސްޓަރު ވިދާޅުވިއެވެ.

ހޯމް މިނިސްޓަރު އިތުރަށް ވިދާޅުވީ ފުލުހުންގެ އާއިލާގެ ކޮންމެ މެންބަރަކަށް ދިމާވާ ކަމަކީ، ކޮންމެ ފަރުދަކަށް ދިމާވާ ކަމެއް ކަމަށެވެ. އަދި މުއުމިނުންގެ މިސާލަކީ އެއް ހަށިގަނޑެއްގެ މިސާލުކަން ފާހަގަކުރައްވައި މިނިސްޓަރު ވަނީ ކީރިތި ރަސޫލާގެ ހަދީޘެއް ވިދާޅުވެދެއްވާފައެވެ.

"މުއުމިނުންގެ މިސާލަކީ އެއް ހަށިގަނޑެއްގެ މިސާލޭ. އެބައިމީހުންގެ އޯގާވެރިކަމާއި ރަހުމާއި ކުލުނުގެ ސަބަބުން އެބައިމީހުންގެ ތެރެއިން އެންމެ މީހަކަށްވެސް ގެއްލުމެއް ވެއްޖެނަމަ، އޭނާގެ ހަށިގަނޑުގެ ގުނަވަނެއްގައި ރިއްސާ ފަދައިން އޭނާގެ ނިދިންނާއި، އަރާމު ކުރުމުން މަހުރޫމްވާ ފަދައިން މުޅި މުސްލިމް އުންމަތް އެކަމުން މަހުރޫމް ވެއޭ" މިނިސްޓަރު ވިދާޅުވިއެވެ.

ހޯމް މިނިސްޓަރު ވަނީ ފުލުހުންގެ ހިދުމަތުގައި ހުއްޓައި ނިޔާވި ފުލުހުންގެ އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ފުލުހުންގެ މުއައްސަސާއިން އަބަދުވެސް ދެމިއޮންނާނެ ކަމުގެ ޔަގީންކަން ދެއްވައިފައެވެ.

ޕޮލިސް މެމޯރިއަލްޑޭ ފާހަގަ ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ފުލުހުންގެ މުއައްސަސާގެ އިސްވެރިންގެ އިތުރުން، މަސްއޫލިއްޔަތު އަދާކުރަމުން ދަނިކޮށް ނިޔާވި ފުލުހުންގެ އާއިލާތަކުގެ މެންބަރުން ބައިވެރިވިއެވެ.