ސީޕީ މުހައްމަދު ހަމީދު

ފުލުހުން މަސައްކަތްކުރާ މާހައުލުގައި އަދިވެސް ނުރައްކާތެރިކަން އެބައޮތް: ސީޕީ ހަމީދު

ފަތޯނާ ފާއިޒު

ފުލުހުން މަސައްކަތް ކުރަމުން އަންނަ މާހައުލުގައި އަދިވެސް އެފަރާތްތަކަށް ނުރައްކާތެރިކަން އެބައޮތް ކަަމަށް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ސީޕީ ހަމީދު އެހެން ވިދާޅުވީ، ފުލުހުންގެ ވާޖިބު އަދާކުރަމުންދަނިކޮށް ދުނިޔެ ދޫކުރި ފުލުހުންގެ ޒިކުރާ އާ ކުރުމަށްޓަކައި ފާހަގަ ކުރަމުން އަންނަ ޕޮލިސް މެމޯރިއަލްޑޭގެ މުނާސަބަތުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. ކޮމިޝަނަރު އޮފް ޕޮލިސް ވިދާޅުވީ، ފުލުހުންގެ އިތުރުން، ފުލުހުންގެ މުއައްސަސާގައި މަސައްކަތްކުރާ މުވައްޒަފުންނަށްވެސް ހިދުމަތް ދޭންޖެހޭ މާހައުލުގައި ނުރައްކާތެރިކަން އެބައޮތް ކަމަށެވެ.

"ފުލުހުންނަކީ ރައްޔިތުންނަށް ނުހަނު ބޭނުންތެރި ހިދުމަތެއް ދޭ ބައެއްކަން ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ގަބޫލުކޮށް އެކަން ބަލައިގަތް ނަމަވެސް، އެއްބަޔަކު އަބަދުވެސް ފުލުހުންނާމެދު ނަފްރަތު ކުރުމާއި، ފުލުހުންގެ ވާޖިބަށް ހުރަސް އެޅުމާއި، ބައެއް ހާލަތުގައި އަނިޔާއާއި ގޯނާ ކުރަމުން ގެންދޭ. އަދި މި މާހައުލުގައި ފުލުހުންނަށް ޖިސްމާނީ އަނިޔާގެ އިތުރުން، ނަފްސާނީ ގޮތުންވެސް އަނިޔާ ކުރަމުންދޭ" ސީޕީ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އޮންލައިން ޕްލެޓްފޯމްތަކުގައި ބައެއް ފަރާތްތަކުން ވަކި ވަކި ފުލުހުންނަށް ބިރުދެއްކުމާއި ފުރައްސާރަ ކުރުމުގެ މައްސަލަތައްވެސް ކުރިމަތިވާ ކަމަށެވެ. ސީޕީ ވަނީ އެފަދަ އަމަލުތަކަށް ނޫނެކޭ ބުނުމަށް ރައްޔިތުންގެ ކިބައިން އިލްތިމާސްކުރައްވާފައެވެ. އަދި ގާނޫނު ތަންފީޒު ކުރުމުގެ މަސައްކަތް ކުރާއިރު، ގާނޫނުތަކަށް ބޯލެނބުމަށް ފުލުހުންނަށް އިލްތިމާސް ކުރައްވާފައެވެ.

ސީޕީ ހަމީދުގެ ވާހަކައިގައި ފުލުހުންގެ މުއައްސަސާއަށް ނިސްބަތްވާ ފަރާތްތައް ޖިސްމާނީ އަދި ނަފްސާނީ އަނިޔާއިން ރައްކާތެރި ކުރަން މަސައްކަތް ކުރަމުންދާނެކަން ފާހަގަކުރެއްވިއެވެ.