އިބްރާހިމް ޒަކީ
އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ އާއި ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކަށް ނަސޭހަތްތެރިވުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިއްޔެ ނިންމި ނިންމުމަކީ ގާނޫނުއަސާސީން ގެއްލިފައިވާ ސިފައެއް އަލުން އިއާދަކޮށްދިނުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން، ޖޭއެސްސީން އިއްޔެ ނިިންމި ނިންމުމާބެހޭގޮތުން މަޖިލިސް ރައީސް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ސުޕްރީމް ކޯޓަށް ލިބިފައިވާ ބެލެނިވެރިކަމުގެ ބާރުގެ ދަށުން ކަމަށްބުނެ ދަށު ކޯޓު ތަކުގައި ހިނގާ މައްސަލަތައް ސުޕްރީމް ކޯޓަށް ގެންދާ މައްސަލައަކީ، ގާނޫނުއަސާސީގެ އާއްމު އުސޫލާ ހިލާފް ކަމެއް ކަމަށެވެ.
އަދި ކުށުގެ ތުހުމަތުން ބަރީއަވުމަށް ތިން ފުރުސަތެއް ގާނޫނުއަސާސީގެ، އަސާސީ ހައްގުތަކުގެ ބައިން ދިވެހި ކޮންމެ ރައްޔިތަކަށްވެސް ލިބިދީފައިވާ ކަމަށާއި، އެެއީ ދަށު ކޯޓުތަކާއި ހައިކޯޓާއި ސުޕްރީމް ކޯޓުގައި ވަކާލާތު ކުރުމުގެ ހައްގުކަމަށްވެސް ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ، ދަށުކޯޓު ތަކާއި ހައިކޯޓާއި ސުޕްރީމް ކޯޓް، މީން ކޮންމެ ކޯޓެއްގައި ކުށުން ބަރީއަވުމަށް ވަކާލާތު ކުރުމުގެ ފުރުސަތު ކޮންމެ ރައްޔިތަކަށް އޮއްވާ ދަށު ކޯޓުގެ މައްސަލައެއް ސުޕްރީމް ކޯޓަށް ގެންދިއުމަކީ ގާނޫނުއަސާސީގެ އާއްމު އުސޫލާ ހިލާފްވާ ކަމެއް ކަމަށެވެ.