ޖުމްހޫރީ ޕާޓީގެ ނައިބު ރައީސްކަމުގެ މަގާމަށް އަހްމަދު ސައުދު އިންތިހާބުކޮށްފިއެވެ.
ޖޭޕީގެ ނައިބު ރައީސްކަމުގެ މަގާމަށް ސައުދު އިންތިހާބުކޮށްފައިވަނީ މިރޭ ބޭއްވި އެ ކައުންސިލްގެ ބައްދަލުވުމުގައެވެ. ސައުދަކީ ކުރިން އެ ޕާޓީގެ ރަޖިސްޓްރާގެ މަގާމު ފުރުއްވި ބޭފުޅެކެވެ.
ޖޭޕީގެ ނައިބު ރައީސްކަމުގެ މަގާމަށް ސައުދުގެ އިތުރުން ތިން ބޭފުޅަކު ވާދަކުރިއެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ ކުރީގެ މެމްބަރު ހުސައިން ޝަހުދީ އާއި އިސްދޫ ދާއިރާގެ މެމްބަރު އަލީ ހަމީދު އަދި މަޖިލިސް އިންތިހާބުގައި ހެންވޭރު ހުޅަނގު ދާއިރާއަށް ކުރިމަތިލެއްވި އާއިޝަތު ނާޒިމާއެވެ.
މިރޭ ބޭއްވި ކައުންސިލް ބައްދަލުވުމުގައި އިސްތިނާފު ކޮމިޓީގެ ޗެއާގެ މަގާމަށާއި އިސްލާމިކް ކައުންސިލްގެ ޗެއާގެ މަގާމަށް ބޭފުޅަކު އިންތިހާބުކޮށްފައެވެ. އިސްތިއުނާފު ކޮމިޓީގެ ޗެއާގެ މަގާމަށް މަޖިލީހުގެ މަތިވެރި ދާއިރާގެ ކުރީގެ މެމްބަރު ހުސައިން މުހައްމަދު އިންތިހާބުކުރި އިރު، އިސްލާމިކް ކައުންސިލްގެ ޗެއާގެ މަގާމަށް އިންތިހާބުކޮށްފައިވަނީ މަޖިލީހުގެ ކެޔޮދޫ ދާއިރާގެ ކުރީގެ މެމްބަރު މޫސާ ނިޒާރެވެ.
މިރޭ ބޭއްވި ޖޭޕީގެ ކައުންސިލް ބައްދަލުވުމުގެ ރިޔާސަތު ބަލަހައްޓަވައިދެއްވީ އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމެވެ.