ކުޅިވަރު

އިންޑިއަން އޯޝަން އައިލެންޑް ގޭމްސް: ޕެރެލިމިކް އިވެންޓުން ރާއްޖެއަށް ބްރޯންޒް މެޑަލް!

ފަތޯނާ ފާއިޒު

މޮރިޝަސްގައި ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ޕެރެލިމިކް އިވެންޓުގައި ރާއްޖޭގެ ފަރާތުން ވާދަކުރި މުހައްމަދު މާޒިން ބްރޯންޒް މެޑަލް ހޯދައިފި އެވެ.

100 މީޓަރު ޕެރެލިމިކް އިވެންޓުން މާޒިންއަށް ތިންވަނަ ލިބުނުއިރު އޭނާގެ ފައިގެ ތަނބިކައްޓަށް ވަނީ އަނިޔާވެފައެވެ.

"އަޅުގަނޑު އަސްލު އުއްމީދު ކުރީ ގޯލްޑަކަށް އެކަމަކު އަޅުގަނޑުގެ ފަޔަށް އެރި ތަދެއްގެ ސަބަބުން އަސްލު ނުވީ. އެހެންނަމަވެސް އަޅުގަނޑު އުއްމީދު ކުރަން ފުރަތަމަ ފަހަރު ބައިވެރިވެ، މި ހޯދުނީ ރަނގަޅު ކާމިޔާބީއެއް ކަމަށް" ރޭހަށް ފަހު މާޒިން ބުންޏެވެ.

މާޒިން ކުރި ހިތްވަރަށް ޔޫތު މިނިސްޓަރ އަހްމަދު މަހުލޫފުވެސް ވަނީ ތައުރީފްކުރައްވާފައެވެ. މަހުލޫފު ކުރެއްވި ޓްވީޓެއްގައި ވަނީ މާޒިންގެ ކާމިޔާބީއަކީ ވަރަށް ފުރިހަމަ ކާމިޔާބީއެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

އެގޮތުން ރޭހުގެ މެދުތެރެއިން، ވެއްޓުމުންވެސް ތެދުވެ، ހިތްވަރާއެކު ހޯދި ކާމިޔާބީ އަކީ އެހެން އެތުލީޓުންނަށް ދެއްކި "އިންސްޕިރޭޝަން"އެއްގެ ގޮތުގައި މިނިސްޓަރ ސިފަކުރެއްވިއެވެ.

މިނިސްޓަރ އަހްމަދު މަހުލޫފް ވަނީ މާޒިންއަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވާފައި.

މޮރިޝަސްގެ ޕޯޓް ލުއީގައި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ފަށާފައިވަނީ މިމަހުގެ 19 ވަނަ ދުވަހުއެވެ. އެ މުބާރާތުގައި ރާއްޖެއިން 14 ކުޅިވަރެއްގައި ބައިވެރިވެއެވެ.

ބައިނަލްއަޤްވާމީ މުބާރާތަކުން ރާއްޖެއަށް އެންމެ ފުރަތަމަ މެޑެއްޔެއް ލިބުނީ، މީގެ 40 އަހަރު ކުރިން އެންމެ ފުރަތަމަ ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް، ކުޅިވަރު މުބާރާތުންނެވެ.

ރާއްޖެއަކީ މި މުބާރާތުގެ ފައުންޑަރ މެންބަރު ޤައުމެއްވެސް މެއެވެ. މީގެއިތުރުން ރާއްޖެއިން އަންނަނީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް 2023 ރާއްޖޭގައި ބޭއްވުމަށް މަސައްކަތް ކުރަމުންނެވެ.