ކްރިމިނަލް ކޯޓް

ކޯޓަށް ހާޒިރުނުވާ ވަކީލުންގެ ޝަކުވާ ބާ ކައުންސިލަށް ފޮނުވާނެ ކަމުގެ އިންޒާރު ދީފި

ކުރިމިނަލް ކޯޓުގައި ހިނގާ ޝަރީއަތްތަކަށް ވަޑައިގަންނަވާ ދިފާއީ ވަކީލުން، ކޯޓަށް ހާޒިރުވެވަޑައިނުގަންނަވާނަމަ އެވަކީލެއްގެ ޝަކުވާ ބާ ކައުންސިލަށް ފޮނުވާނެ ކަމުގެ އިންޒާރު ކުރިމިނަލް ކޯޓުން ދީފިއެވެ.

ކުރިމިނަލް ކޯޓުގައި މިއަދު ބޭއްވި ނޫސްވެރިޔާ ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ދައުލަތުން ދައުވާކުރި މީހުންގެ ތެރޭގައި ހިމެނޭ ހައިޝަމް ރަޝީދުގެ ވަކީލު އަހުމަދު ޔާމީން ހާޒިރު ނުވާތީ މިއަދުގެ އަޑުއެހުމުގައި ހެކިބަސް ނުނެގި، ފަސްކުރަން ޖެހުމުން، ގާޒީ އަލީ ރަޝީދު ވިދާޅުވީ މަގުބޫލު އުޒުރެއް ނެތި ޝަރީއަތަށް ހާޒިރުވުނެވޭނަމަ ބަދަަލުގައި އެހެން ވަކީލެއް ހަމަޖައްސައި މައްސަލަ ކުރިއަށް ގެންދެވޭނެގޮތް ހަދަންޖެހޭ ކަމަށެވެ. އަދި މަގުބޫލު އުޒުރެއްނެތި ވަކީލުން ހާޒިރުނުވާނަމަ ބާ ކައުންސިލަށް މައްސަލަ ހުށަހެޅޭނެ ކަމަށް ގާޒީ ވިދާޅުވިއެވެ.

ގާޒީ އަލީ ރަޝީދު ވިދާޅުވީ ދިފާއީ ވަކީލުންނަށް ހަމަޖައްސާފައިވަނީ ގިނަ މައްސަލަތަކެއްގައި އުޅޭ ވަކީލުންތަކެއް ކަމަށާއި އެހެންވެ އަޑުއެހުމަކަށް ހާޒިރު ނުވެވޭ ނަމަ ބަދަލުގައި އެހެން ވަކީލަކު ފޮނުވަން އެދިވަޑައިގަންނަވާ ކަމަށެވެ.

ކުރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ގާޒީ އަލީ ރަޝީދު ވިދާޅުވީ ޝަރީއަތް ދިގުލައިގެން ގޮސްފައިވަނީ ދިފާއީ ވަކީލުން އެކި ސަބަބުތަކާ ހެދި ކޯޓަށް ހާޒިރު ނުވުމުން އަޑުއެހުންތައް ފަސްކުރަން ޖެހުމުން ކަމަށެވެ. އަދި ދައުވާ ލިބޭ ކޮންމެ މީހަކަށް ވަކި ވަކީލުންތަކެއް ހަމަޖައްސާފައިވާއިރު، އެންމެ ވަކީލަކު ހާޒިރު ނުވިޔަސް އަޑުއެހުން ފަސްކުރަން ޖެހޭ ކަމަށް ގާޒީ ވިދާޅުވިއެވެ.

މިއަދުގެ އަޑުއެހުމުގައި ގާޒީ އަލީ ރަޝީދު ހުސެއިން ވިދާޅުވީ މިއަދުގެ އަޑުއެހުމަށް އިސްމާއީލް ރަޝީދުގެ ވަކީލް އަހުމަދު ޔާމީން ހާޒިރުވެވެންނެތީ ބަލި ހާލަތު ހުރި ގޮތުން ކަމަށް ކޯޓަށް އަންގާފައިވާ ކަމަށެވެ. އަދި މިއަދުގެ ޝަރީއަތް ކެންސަލް ނުކޮށް ބާއްވަން ނިންމެވީ ވަކީލުންނަށް އިލްތިމާސް ކުރުމަށް ކަމަށް ގާޒީ ވިދާޅުވިއެވެ.

އެކަމަށް ގާޒީ ވިދާޅުވީ މިހާރުވެސް މައްސަލަ ލަސްވެފައިވާ ކަމަށާއި ކޮންމެ މީހެއްގެ ވަކީލުންގެ ގޮތުގައި ދެ ވަކީލަކު އެބަ ތިބި ކަމަށެވެ. އަދި މައްސަލަ ތާވަލް ކޮށްފައިވާ ދުވަހަކަށް ނިންމަން ބޭނުންވާ ކަމަށް ވިދާޅުވިއެވެ.

މިއަދުގެ އަޑުއެހުމަކީ ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ ދެ ހެކިވެރިއެއްގެ ހެކިބަސް ނެގުމަށް ތާވަލް ކޮށްފައިވާ އަޑުއެހުމެކެވެ.

ޔާމީންގެ މަރުގެ މައްސަލައިގައި ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާކޮށްފައިވަނީ މ. ކުދެހިގޭ ހަސަން ޝިފާޒާއި މ. ތާއިފް އިސްމާއިލް ރަޝީދާއި ހ. އަންނާރުމާގޭ އިސްމާއިލް ހައިޝަމް ރަޝީދާއި މ. އިރަސްމިކުގޭ އަހުމަދު ޒިހާން އިސްމާއިލާއި ގދ. ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާންގެ އިތުރުން މ. ކޮޅުފުށީ އީސްޓް، ހަސަން ޒިޔާދުގެ މައްޗަށެވެ.