ކްރިމިނަލް ކޯޓް

ވަކީލަކު ހާޒިރު ނުވެގެން ޔާމީންގެ މަރުގެ މައްސަލައިގެ ހެކިބަހެއް ނުނެގުނު

ނޫސްވެރިޔާ އަދި ބްލޮގަރު ޔާމީން ރަޝީދު މަރާލި މައްސަލާގައި ދައުލަތުން ހަ މީހަކާ ދެކޮޅަށް ހިންގާ ޝަރީއަތުގެ އަޑުއެހުމަށް ދިފާއީ ވަކީލަކު ހާޒިރު ނުވުމުން މިއަދުގެ އަޑުއެހުމުގައި ހެކިބަހެއް ނުނެގުނެވެ.

ކުރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ގާޒީ އަލީ ރަޝީދު ވިދާޅުވީ ޝަރީއަތް ދިގުލައިގެން ގޮސްފައިވަނީ ދިފާއީ ވަކީލުން އެކި ސަބަބުތަކާ ހެދި ކޯޓަށް ހާޒިރު ނުވުމުން އަޑުއެހުންތައް ފަސްކުރަން ޖެހުމުން ކަމަށެވެ.

އެގޮތުން ދައުވާ ލިބޭ ކޮންމެ މީހަކަށް ވަކި ވަކީލުންތަކެއް ހަމަޖައްސާފައިވާއިރު، އެންމެ ވަކީލަކު ހާޒިރު ނުވިޔަސް އަޑުއެހުން ފަސްކުރަން ޖެހޭ ކަން ގާޒީ ފާހަގަކުރެއްވިއެވެ.

އަދި އެ މައްސަލައާ ހަވާލުވެގެން ތިބި ވަކީލުންނަށް ހާޒިރުނުވެވޭ ފަދަ ސަބަބެއް ދިމާވުމުން ބަދަލުގައި އެހެން ވަކީލަކު ފޮނުވުމަކީ އެންމެ ރަނގަޅު ގޮތަކަށް ނުވެދާނެ ކަމަށް ވެސް ގާޒީ ވިދާޅުވިއެވެ.

މިއަދުގެ އަޑުއެހުމުގައި ހެކިބަސް ނެގޭ ގޮތް ނުވުމުން ދައުލަތުން އެދުނީ މި ހަފުތާގައި އިތުރު އަޑުއެހުމެއް ބާއްވައި، ހެކިބަސް ނެގުމަށެވެ. ނަމަވެސް ދިފާއީ ބައެއް ވަކީލުން ވަނީ އެކަމަށް ދެކޮޅު ހައްދަވާފައެވެ.

އަޑުއެހުންތައް ކުރިއަށް ގެންދާނެ ގޮތުގެ ތާވަލެއް ދުރާލާ ކޯޓުން އެކުލަވާލާފައި އޮތުމުން، އެ ތާވަލާ ޚިލާފަށް އަޑުއެހުންތައް ބާއްވާ ނަމަ ހާޒިރުވާން ދަތިވާނެ ކަމަށް ވަކީލަކު ވިދާޅުވެފައި ވެއެވެ.

ގާޒީ އަލީ ރަޝީދު ނިންމެވީ މިއަދު ގެނައި ދެ ހެކިވެރިންގެ ބަސް، އަންނަ ހަފުތާގައި ބާއްވާ އަޑުއެހުމެއްގައި ނަގާށެވެ.

މިއަދުގެ އަޑުއެހުމަކީ ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ ދެ ހެކިވެރިއެއްގެ ހެކިބަސް ނެގުމަށް ތާވަލް ކޮށްފައިވާ އަޑުއެހުމެކެވެ. ނަމަވެސް ހައިޝަމް ރަޝީދުގެ ވަކީލު އަހުމަދު ޔާމީން ހާޒިރު ނުވާތީ މިއަދުގެ އަޑުއެހުން ކުރިއަށް ނުގެންގޮސް އެހެން ދުވަހަކަށް އަޑުއެހުން ވަނީ ފަސްކޮށްފަ އެވެ.

ޔާމީންގެ މަރުގެ މައްސަލައިގައި ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާކޮށްފައިވަނީ ގދ. ގައްދޫ ސިންދުބާދުގޭ، މުހައްމަދު ދިފްރާނާއި، މ. ކޮޅުފުށީ އީސްޓް، ހުސައިން ޒިޔާދުގެ މައްޗަށެވެ. ހ. އަންނާރުމާގޭ އިސްމާއިލް ހައިޝަމް ރަޝީދާއި، މ. އިރާސްމިކުގެ، އަހުމަދު ޒިހާން އިސްމާއީލާއި، މ. ކުދެހިގެ ހަސަން ޝިފާޒާއި، މ. ތާއިފް އިސްމާއިލް ރަޝީދުގެ މައްޗަށެވެ.