ބޮލީވުޑް

ދިޕިކާގެ ފޭނުން އޭނާދެކެ ރުޅިއަތުވެއްޖެ

ފަތޯނާ ފާއިޒު

1

ބޮލީވުޑްގެ ބަތަލާ ދިޕިކާ ޕަޑުކޯން އަކީ، ބީޓައުންގެ ތަރިންގެ ތެރެއިން އެންމެ އުހުގައި ފިޔަަ ޖަހަމުން އަންނަ ތަރިއޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ.

ދިޕިކާ ދެކެ ލޯބިވާ އެތައް މިލިއަން ފޭނުންނެއް އިންޑިއާގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވެސް އެބަތިއްބެވެ. އެހެންނަމަވެސް މިފަހަރު އޭނާގެ ގިނަ ފޭނުންތަކެއް މިވަނީ އޭނާއާއި މެދު ހިތްހަމަނުޖެހިފައެވެ.

ބޮލީވުޑްގައި ޖިންސީ ފުރައްސާރައާއި ދެކޮޅަށް ފެށިގެންދިޔަ މީޓޫ މޫވްމެންޓްގެ ތެރެއިން ފަޟީހަތްވެގެން ދިޔަ ލަވް ރަންޖަންއާއި ބައްދަލުކުރިކަން ދިޕިކާގެ ފޭނުންނަށް އެނގުމާއެކު ގިނަ ބަޔަކު ދަނީ "ނޮޓް މައި ދިޕިކާ" ހޭޝްޓެގް ބޭނުންކޮށްގެން އޭނާއާއި ދެކޮޅަށް މީސްމީޑިއާގައި ޝުއޫރު ފާޅު ކުރަމުންނެވެ.

ލަވް ރަންޖަންއަކީ، ބައެއް އެކްޓަރުންނަށް ޖިންސީ ފުރައްސާރަ ކުރިކަމުގެ ތުހުމަތު ކުރެވޭ މީހެކެވެ. އޭނާ އާއި ދިޕިކާ ބައްދަލު ކުރީ، އޭނާއާއިއެކީގައި ފިލްމެއްގައި މަސައްކަތް ކުރުމަށް ކަމަށް ބޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ ނޫސްތަކުގައި ވަނީ ބުނެފައެވެ. އެގޮތުން ދިޕިކާ އޭނާއާއި ބައްދަލު ކޮށްފައިވަނީ، ކުރީގެ ލޯބިވެރިޔާ ރަންބީރް ކަޕޫރާއިއެކީގައި ކަމަށާއި، އެފިލްމުގައި ދިޕިކާއާއި އެކީގައި ފެނިގެންދާނީ ރަންބީރު ކަމަށްވެސް ޚަބަރުތަކުގައިވެއެވެ.

ދިޕިކާ އަކީ ޖިންސީ ފުރައްސާރަ ކުރުމާއި ދެކޮޅަށް މީގެ ކުރިން ވަަރަށް ބޮޑަށް ވަކާލާތު ކުރި ފަންނާނަކަށް ވުމާއެކު، އެކަމުގެ ތުހުމަތު ކުރެވޭ މީހަކާއިއެކީގައި ދިޕިކާ މަސައްކަތް ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އޭނާގެ ފޭނުން ދަނީ ބުނަމުންނެވެ.

ދިޕިކާ ޕްރޮޑިއުސަރު ލަވްރަންޖަންއާއި ބައްދަލުކުރި ނަމަވެސް، އޭނާއާއި އެކީގައި ފިލްމެއްގައި މަސައްކަތް ކުރާނެ ކަމެއް ނުވަތަ ނޫންކަމެއް ރަސްމީ ފަރާތަކުން އަދި ހާމަކޮށްފައެއް ނުވެއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟