ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ވެރިކަމުގައި ކުޅުންތެރިން ޓީޓީ ފަރިތަކުރަން ޖެހުނީ އަނދިރި މަދިރި ހާއްޔެއްގައި ކަަމަށް ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.
މާރިޔާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރާއްޖޭގައި ހަމައެކަނި ފުޓްސަލް ދަނޑު ނާޅާ އެހެން ހުރިހާ ކުޅިވަރެއް ކުޅޭނެ ތަން ދީފިނަމަ، ރާއްޖެއަށް އެތައް ރަންވަނައެއް ގެންނާނެ ކަމަށެވެ. މިނިސްޓަރ މާރިޔާގެ ޓްވީޓްގައި ވަނީ މޮރިޝަސްގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރާއްޖެއަށް ރަންވަނަ ހޯދައިދިން ޓޭބަލް ޓެނިސް ތަރި، ފާތިމަތު ދީމާ އަލީއަށް ތައުރީފު ކުރައްވާފައެވެ.
"ތީ ޤައުމަށް ހުރި ފަހުރެއް" މާރިޔާ ވިދާޅުވިއެވެ.
އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ޓީޓީއިން ރާއްޖެ ހޯދި ކާމިޔާބީއާއި ގުޅިގެން އެތައް ބަޔަކު އަންނަނީ އުފާފާޅު ކުރަމުންނެވެ. އަދި ފުޓްބޯޅަ އަށް ދިވެހިން ދޭ ސަމާލުކަން އެހެން ކުޅިވަރުތަކަށް ދީފިނަމަ، ކުޅިވަރުގެ މައިދާނުގައި ގިނަ ކާމިޔާބީތަކެއް ރާއްޖެއަށް ހޯދި ދާނެ ކަމަށްވެސް ގިނަ ބަޔަކު ދަނީ ފާހަގަކުރަމުންނެވެ.