ސުޕްރީމް ކޯޓް

ކުރިއަށްއޮތް ތަނުގައި ވެސް އަދުލު އިންސާފު ގާއިމުކުރުމުގައި ވަކި ފަރާތަތަކަށް ބުރަ ނުވެ ކުރިއަށްދާނެ: އުއްތަމަ ފަނޑިޔާރު

ސުޕްރީމް ކޯޓުން ފާއިތުވެދިޔަ ދިހަ އަހަރުގެ ތެރޭގައި އަދުލު އިންސާފު ގާއިމުކުރުމުގެ މަސައްކަތުގައި ވަކި ފަރާތަތަކަށް ބުރަ ނުވެ، ވަކި ފަރާތަކުން ދައްކާފާނެ ބިރަކަށް ޖެހިލުން ނުވެ، ކުރަމުންއައި މަސައްކަތް ކުރިއަތް ތަނުގައި ވެސް ކުރިއަށްދާނެ ކަމުގެ ޔަގީންކަން ދިވެހި ރައްޔިތުންނަށް ދޭން ބޭނުންވާ ކަމަށް އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.

ސުޕްރީމް ކޯޓަށް ދިހަ އަހަރު ފުރުމުގެ މުނާސަބަތުގައި މިރޭ ދަރުބާރުގޭގައި ކުރިއަށްދިޔަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ފާއިތުވެދިޔަ ދިހަ އަހަރުގެ ތެރޭގައި ގާނޫނުގެ ހުކުމް ނަގަހައްޓައި، އިސްލާމީ ޝަރީއަތްތުގެ އުސޫލުތަކާއި ގާނޫނު އަސާސީއާއި ގާނޫނުތަކާއި ތަހުޒީބު މުޖުތަމައުތަކުގައި އިސްތުގުރާރުވެފައިވާ ގާނޫނީ އާންމު މަސްދަރުތަކާ އެއްގޮތްވާ ގޮތުގެ މަތިން އަދުލު އިންސާފު ގާއިމްކުރުމުގައި އެ ކޯޓުން ނިންމުންތައް ނިންމާފައިވާކަން އުއްތަމަ ފަނޑިޔާރު ފާހަގަކުރެއްވިއެވެ.

"ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު ޔަގީންކޮށްދޭން ބޭނުންވަނީ ފާއިތުވެދިޔަ ދިހަ އަހަރުގެ ތެރޭގައި ގާނޫނުގެ ހުކުމް ނަގަހައްޓައި، އިސްލާމީ ޝަރީއަތުގެ އުސޫލުތަކާއި ގާނޫނު އަސާސީއާއި ގާނޫނުތަކާއި ތަހުޒީބު މުޖުތަމައުތަކުގައި އިސްތުގުރާރުވެފައިވާ ގާނޫނީ އާންމު މަސްދަރުތަކާ އެއްގޮތްވާ ގޮތުގައި މަތިން، އަދުލު އިންސާފު ގާއިމުކުރުމުގެ މަސައްކަތުގައި ވަކި ފަރާތަތަކަށް ބުރަ ނުވެ، ވަކި ފަރާތަކުން ދައްކާފާނެ ބިރަކަށް ޖެހިލުން ނުވެ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ހަރުދަނާކަމާއެކު ކުރަމުންއައި މަސައްކަތް ކުރިއަށްއޮތް ތަނުގައި ވެސް މާތްﷲ ވާގިފުޅާއެކު ކުރިއަށްދާނެކަން،" އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

އުއްތަމަ ފަނޑިޔާރު ވިދާޅުވީ ވަކިވަކި ކޯޓުތަކުން ޝަރީއަތްކުރުމުގައި މިނިވަންކަމާއި އަދުލުވެރިވެރިކަމާއެކު ޝަރީއަތްކުރެވޭނެ މާހައުލެއް ކަށަވަރުކުރުމަށް ލަނޑުދަނޑިތަކެއް ކަނޑައެޅިގެންދާއިރު ވިސްނާލަން ޖެހޭ މުހިންމު ބައެއް ކަންކަން ހުރި ކަމަށެވެ.

"ވަކިވަކި ކޯޓުތަކުން ޝަރީއަތްކުރުމުގައި މިނިވަންކަމާއި އަދުލުވެރިވެރިކަމާއެކު ޝަރީއަތްކުރެވޭނެ މާހައުލެއް ކަށަވަރުކޮށްދިނުމާއި އަދުލު އިންސާފަށް ފަސޭހައިން ވާސިލުވުން ކަށަވަރުކޮށްދިނުމާއި ކޯޓުތަކަށް ހުށަހެޅޭ މައްސަލަތަކުގައި ހުކުމްކުރެވޭ މަރުހަލާ ދިގުދެމިގެންނުދާނެ ފަދަ ގޮތަކަށް ކޭސް މެނޭޖް ކުރުން ފަދަ ކަންކަމަކީ މިދެންނެވި ގޮތަށް ލަނޑުދަނޑިތަކެއް ކަނޑައެޅިގެންދާއިރު ވިސްނާލަން ޖެހޭ މުހިންމު ބައެއް ކަންކަން،" އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

ސުޕްރީމް ކޯޓަށް ދިހަ އަހަރު ފުރުމުގެ މުނާސަބަތުގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ކުރީގެ އުއްތަމަ ފަނޑިޔާރު އަހްމަދު ފާއިޒް ހުސައިނާއި ބަންޑާރަ ނައިބު މުހައްމަދު އަނިލާއި ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިޝާމާއި ސުޕްރީމް ކޯޓާއި ހައި ކޯޓުގެ އިތުރުން ދަށު ކޯޓުތަކުގެ ފަނޑިޔާރުން ބައިވެރިވެވަޑައިގެންނެވިއެވެ.