މިނިވަން ދުވަހުގެ މުނާސަބަތާ ގުޅިގެން އަންނަ ހޮނިހިރު ދުވަހު މާލޭގައި ވެހިކަލު ނުދުއްވޭގޮތަށް ހަމަޖައްސައިފިއެވެ.
މާލޭ ސިޓީ ކައުންސިލުން ބުނި ގޮތުގައި، އަންނަ ހޮނިހިރު ދުވަހު މެންދުރު ފަހު 3:30 އިން ފެށިގެން އިރުއޮއްސި 6:30 އަށް މާލޭގެ މަގުތަކުގައި ވެހިކަލް ދުއްވުމަކީ މަނާކަމެއް ކަމަށެވެ.
ސިޓީ ކައުންސިލުގެ ގަރާރަކުން އެގޮތަށް ހަމަޖެއްސީ އެ ދުވަހު މާލޭގެ މަގުތަކުގައި ގިނަ ހަރަކާތްތަކެއް ބޭއްވުމަށް ހަމަޖައްސާފައިވާތީއެވެ.
މިނިވަން ދުވަހާ ގުޅިގެން ބާއްވާ އެހަރަކާތް ބެލުމަށް އުމުރުން ދުވަސްވީ މީހުންނާއި ކުޑަކުދިން މަގުތަކަށް ނުކުންނާނެތީ ހޮނިހިރު ދުވަހު ކަނޑައަޅާފައިވާ ގަޑިތަކުގައި ވެހިކަލު ނުދުއްވޭނެ ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.
މިއަހަރުގެ މިނިވަން ދުވަހަކީ އަންނަ ހުކުރު ދުވަހެވެ. ހުކުރު ދުވަހާއި ހޮނިހިރު ދުވަހު މާލޭގައި ގިނަ ހަރަކާތްތަކެއް ބޭއްވުމަށް ވަނީ ނިންމާފައެވެ.
އެގޮތުން މާލޭގައި މިއަހަރުގެ މިނިވަން ދުވަހު ފުޅަނދުބުރު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.