އިލެކްޝަންސް ކޮމިޝަން

ދާއިރާތައް ބަހާނެ ގޮތަކާ މެދު މަޝްވަރާ ކުރުމަށް އަކްރަމް އައްޑޫއާއި ފުވައްމުލަކަށް

ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ބައެއް ދާއިރާތައް ބަހާނެ ގޮތަކާ މެދު މަޝްވަރާކުރުމަށް އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަދި ތަރުޖަމާނު އަހްމަދު އަކްރަމް އައްޑޫ ސިޓީއާއި ފުވައްމުލަކު ސިޓީއަށް ފުރާވަޑައިގެންފިއެވެ.

މިވަގުތު އައްޑޫ ސިޓީގައި ހުންނެވި އަކްރަމް "ވަން އޮންލައިން"އަށް ވިދާޅުވީ އައްޑޫއާއި ފުވައްމުލަކުގެ ދާއިރާތައް ބަހާނެ ގޮތަކާ މެދު އެ ދެ ސިޓީގެ ކައުންސިލާއި ސިޔާސީ ބޭފުޅުންނާ މަޝްވަރާކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ދާއިރާތައް ބަހާނެ ގޮތް ބަދަލުވެފައިވަނީ ހަމައެކަނި އައްޑޫއާއި ފުވައްމުލަކު ސިޓީގައެވެ. މަޝްވަރާތަކަށްފަހު ދާއިރާތައް ބެހިގެންދާނެ ގޮތް ނިންމާނީ އިލެކްޝަންސް ކޮމިޝަނުގެ ބައްދަލުވުމެއްގައި ކަމަށް އަކްރަމް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ މާޗް މަހުގެ ތެރޭގައެވެ.