ކްރިމިނަލް ކޯޓް

ޔާމީންގެ ފަސް ދިފާއު ގަބޫލުނުކޮށް، އިބްތިދާއީ އަޑުއެހުން ނިންމާލައި ޝަރީއަތް ފަށައިފި

އިބްރާހިމް ޒަކީ

1

ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބްދުލް ގައްޔޫމް ގެ މައްޗަށް ދައުލަތުން ހުށަހެޅި، މަނީލޯންޑްރިން މައްސަލައިގެ ދައުވާގެ އިބުތިދާއީ އަޑުއެހުން ނިންމައި ދައުވާ ހުށަހަޅަން ޕީޖީއަށް ފުރުސަތު ދެއްވައި، ޝަރީއަތް ފަށައިފި އެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ކުރިއަށްގެންދިޔަ އިބްތިދާއީ އަޑުއެހުން ނިންމަވާލައްވައި، ޝަރީއަތް ކުރިއަށް ގެންދިއުމަށްޓަކައި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް މައްސަލަ ހުށަހެޅުމުގެ ފުރުސަތު ޕަބްލިކް ޕްރޮކިއުޓާއަށް ދެއްވީ، އިބުތިދާއީ ބަހުސްގައި ދައުވާއިން ބަރީއަވުމަށްޓަކައި ރައީސް ޔާމީނާއި ދިފާއީ ވަކީލުން ހުށަހެޅުއްވި ކަންތައްތަކަށް ދައުލަތުން ޗެލެންޖް ކުރެއްވުމުން، ރައީސް ޔާމީންގެ ފަރާތްޕުޅުން ހުށަހެޅުއްވި ދިފާއު ތަކަކީ ޝަރީއަތް ކުރިއަށް ނުގެންދިއުމަށް ގަބޫލު ކުރެވޭ ދިފާއު ތަކަކަށް ނުވުމުންނެވެ.

އިސްގާޒީ ވިދާޅުވީ، ދައުވާލިބޭ ފަރާތުން ހުށަހަޅާފައިވާ އެއްވެސް ހުށަހެޅުމަކީ މައްސަލަ މައުނަވީގޮތުން ކުރިއަށް ގެންދިއުމަށް ހުރަހަކަށްވާނެ ހުށަހެޅުންތަކެއް ކަމަށް ޝަރީއަތަށް ބަލައިނުގަނެވޭ ކަމަށެވެ.

އިސްގާޒީ ދައުވާ ހުށަހެޅުއްވުމަށް ޕަބްލިކް ޕްރޮކިއުޓާއަށް އެންގެވިއެވެ.

ޝަރީއަތުގެ މަޖިލީހަށް ދައުވާ ހުށަހަޅުއްވުމަށް އިސްގާޒީ ހައިލަމް އެންގެވުމުން، ރައީސް ޔާމީންއާ ދެކޮޅަށް ދައުވާ ހުށަހަޅުއްވަމުން ސީނިއާ ޕަބްލިކް ޕްރޮސިކިއުޓާ އައިޝަތު މުހައްމަދު ވިދާޅުވީ، ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ ދައުލަތުން ހުށަހެޅުއްވީ، މަނީލޯންޑްރިން އާއި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން ކަމަށެވެ.

އަދި އެސްއޯއެފް ކުންފުނިން ރައީސް ޔާމީންގެ އިސްލާމިކް ބޭންކުގެ އެކައުންޓަށް ދެ ފަހަރެއްގެ މަތިން ޖަމާކޮށްފައިވާ އެއްމިލިޔަން ޑޮލަރަކީ، އެމްއެމްޕީއާރުސީން ރަށްތަކާއި ފަޅުތައް ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެންޖެހޭ ފައިސާ ކަމަށް ދައުވާގައި ބުނެފައިވެއެވެ.

އަދި އެ ފައިސާ، އޭސީސީއާ އެކު ހަދާ އެސްކްރޯ އެކައުންޓެއްގައި ބެހެއްޓުމަށް އެއްބަސްވެ ވަޑައިގަތުމަށް ފަހު އެހެން ފައިސާތަކެއް އެސްކްރޯ އެކައުންޓަށް ޖަމާކޮށް، އަދި އެސްއޯއެފުން ޖަމާކުރި ފައިސާ އިސްލާމިކް ބޭންކްގެ ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓަކަށް ބަދަލުކޮށް، އެ ފައިސާގެ އަސްލު އޮޅުވާލި ކަމަށް ދައުލަތުން ހުށަހެޅި ދައުވާގައި ބުނެފައިވެއެވެ.

މި ދައުވާއާއެކު ދައުލަތުން ވަނީ ޔާމީނާ ދެކޮޅަށް ހެކިންވެސް ހުށަހަޅައިފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟