ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)ގެ ދަރިކަލުން ފައިސަލް އިބްރާހިމް ނުދައްކަވާ އޮތް ދޮޅު ލައްކައަށްވުރެ ގިނަ ރުފިޔާ، އަދުރޭ އައިލެންޑް އޭވިއޭޝަން ސާވިސަސް ދައްކަވައިފިއެވެ.
މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ނެގި ޓިކެޓަށްވާ ފައިސާއާއި ފައިސާ ނުދައްކައިގެން އަރާފައިވާ އިންޓަރެސްޓާއެކު ޖުމްލަ 157،290.12 ރުފިޔާ އަދުރޭ މިއަދު ހަވީރު ދައްކަވާފައިވާ ކަމަށް އައިލެންޑް އޭވިއޭޝަންގެ އޮފިޝަލަކު ވަނީ "ވަން އޮންލައިން"އަށް ކަށަވަރުކޮށްދެއްވައިފައެވެ.
އެ ޓިކެޓަކީ ފައިސަލްއާއި އޭނާގެ އަނބިކަނބަލުން ރާއްޖެއިން ބޭރަށް ދަތުރުކުރެއްވުމަށްފަހު ފައިސާ ދައްކާގޮތަށް ކްރެޑިޓް އެގްރީމެންޓެއް ހަދައި މޯލްޑިވިއަން ހޮލިޑޭސްއިން ނެންގެވި ޓިކެޓެވެ. އެ އެގްރީމަންޓުގައިވާ ގޮތަށް ފައިސާ ނުދައްކަވައިގެން އިންޓަރެސްޓްގެ ގޮތުގައި 44،940 ރުފިޔާ އަރާފައިވެއެވެ. ފައިސަލް ނެންގެވި ޓިކެޓުގެ އަގަކީ 112،350 ރުފިޔާއެވެ.
ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީއެއްގެ މަގާމުގައި މަސައްކަތްކުރައްވާ ފައިސަލް ޓިކެޓް ނެންގެވީ ފްރޭންކްފާޓްއާއި، އަބޫދާބީއާއި، ކުއަލަލަމްޕޫރު އަދި ކޮލަމްބޯއަށް ދަތުރު ކުރެއްވުމަށެވެ.