އިބްރާހިމް ޒަކީ
ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ މައްޗަށް ދައުލަތުން އުފުލާފައިވާ، މަނީ ލޯންޑަރިންގެ މައްސަލައިގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ފަށައިފިއެވެ.
ޓީވީން ވަގުތުން ދުރަށް ދައްކާ މި ޝަރީއަތް ކުރީން ފެށުމަށް ތާވަލް ކޮށްފައި އޮތީ މިއަދު 11:30 އަށެވެ. ނަމަވެސް ރޭގެ ވަގުތެއްގައި ކްރިމިނަލް ކޯޓުން އެ ގަޑިމެންދުރު 12:45 އަށް ބަދަލުކުރި އެވެ.
ނަމަވެސް ޝަރިއަތް ފަށާފައި މިވަނީ އެކެއްޖަހާކަންކާއިރުއެވެ.
މި މައްސަލަ ބައްލަވަނީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް އެވެ.
މި ޝަރީއަތަކީ، އެސްއޯއެފް ކުންފުނީގެ އެކައުންޓުން ދެ ފަހަރެއްގެމަތިން، އެއްމިލިޔަން ޑޮލަރު، އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ ރައީސް ޔާމީންގެ އެކައުންޓަކަށް ޖަމާކޮށްފައިވާ މައްސަލައަކާގުޅިގެން އެ ފައިސާއަކީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާކަމަށް ތުހުމަތުކޮށް ކުރާ ދައުވާއެކެވެ.
މި މައްސަލައިގައި ރައީސް ޔާމީންގެ ވަކީލުންގެ ގޮތުގައި ބައިވެރިވެ ވަޑައިގަންނަވަނީ، އަބުދުﷲ ޝިޔާޒު އާއި އާދަމް އާސިފް އެވެ.
މި މައްސަލައިގައި މިއަދު ފަށާފައި ވަނީ މި މައްސަލައިގެ އިބްތިދާއީ އަޑުއެހުމެވެ.
މި އަޑުއެހުމަށްފަހު ޝަރިއަތް ކުރިއަށް ގެންދަން ގާޒިއަށް ފެނިވަޑައިގަންނަވާނަމަ ޝަރީއަތް ކުރިއަށް ގެންދަން މައްސަލަ ޝަރީއަތުުގެ މަޖިލީހަށް ހުށަހެޅުވުމުގެ ފުރުސަތު ޕީޖީގެ ވަކީލުންނަށް ދެއްވާނެ އެވެ.