ކުރީގެ ރައީސް އަބްދުﷲ ޔާމީން

މިއަދުގެ ޝަރީއަތަށް ރައީސް ޔާމީން ކްރިމިނަލް ކޯޓަށް ވަޑައިގެންފި

އިބްރާހިމް ޒަކީ

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާގެ، ޝަރިއަތަށް މީގެ ކުޑައިރުކޮޅެއްކުރިން އެމަނިކުފާނު ކުރިމިނަލް ކޯޓަށް ވަޑއިގެންފިއެވެ.

ރައީސް ޔާމީންގެ މައްޗަށް ކުރިއަށް ގެންދާ ޝަރީއަތުުގެ މަޖިލިސް ޓީވީން ލައިވް ކުރަން ވަނީ ހަމަޖައްސައިފައެވެ.

ކުރިމިނަލް ކޯޓުން ބުނީ، މިއަދުގެ ޝަރީއަތް ލައިވްކުރަން ނިންމީ އެ މައްސަަލައަކީ ދައުލަތުގެ ފައިސާއާ ގުޅުންހުރި އަދި އާއްމު ރައްޔިތުންގެ ކަންބޮޑުވުން ނުހަނު ބޮޑަށް އޮތް މައްސަލައަކަށް ވާތީ ކަމުގައެވެ. މިއަދުގެ ޝަރީއަތް ލައިވްކުރުމަށް ހަމަޖައްސައިފައިވާކަން ހާމަކޮށް، ކްރިމިނަލް ކޯޓުން ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޝަރީއަތް ލައިވް ކުރަން ނިންމީ ގާނޫނުއަސާސީގެ 42 ވަނަ މާއްދާގެ މަގުސަދު ވެސް ހާސިލު ކުރެވޭކަން ކަށަވަރު ކުރުމުގެ ގޮތުން ކަމަށެވެ.

ގާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވަނީ، ގާއިމް ކޮށްފައިވާ މިނިވަން އަދި މުސްތަގިއްލު ކޯޓެއްގައި، ނުވަތަ ޓްރައިބިއުނަލެއްގައި އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި، އާއްމުކޮށް ހުޅުވާލައިގެން ބާއްވާ، އަޑުއެހުމެއްގައި އިންސާފުން ޝަރީއަތް ކުރުމުގެ ހައްގު ކޮންމެ މީހަކަށްމެ ލިބިގެންވާ ކަމަށެވެ.

ކުރިިނަލް ކޯޓުން ބުނީ، އެ މައްސަލައިގެ އަޑުއެހުންތައް، ދިވެހި ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ މީޑިއާ ތަކުގެ ތެރެއިން ލައިވްކޮށް ބްރޯޑްކާސްޓް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް، ޝަރީއަތުުގެ މަޖިލީހުގައި ޖާގަ އޮތް މިންވަރަކުން ލައިވްކޮށް، ބްރޯޑްކާސްޓް ކުރުމުގެ ފުރުސަތު ދިނުމަށް ނިންމާފައިވާ ކަމަށެވެ.

މޯލްޑިވްސް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން ބުނީ މި ޝަރީއަތުގެ މަޖިލިސް ލައިވް ކުރުމަށް ހަމަޖައްސައިފައި ވަނީ ޕީއެސްއެމްއިން ކަމަށެވެ. ލައިވް ފީޑް އެހެން ޗެނަލް ތަކަށް ދޭން ވަނީ ނިންމައިފަ އެވެ.