މުޙައްމަދު އަސްލަމް

ވިސްނުމަކީ މައި ރަށެއް ކަނޑައަޅައި 20 މޭލު ދުރުގައިވާ ރަށްތައް ހިމަނައިގެން ޒޯންތަކެއް ތަރައްގީކުރުން

އިބްރާހިމް ޒަކީ

ސަރުކާރުގެ މައިގަނޑު ވިސްނުމަކީ ރާއްޖެ ފަސް ސަރަހައްދަކަށް ބަހާލައި ކޮންމެ ސަރަހައްދެއްގެ ސެންޓްރަލް ރަށެއް ކަނޑައަޅައި އެރަށާ 20 މޭލު ދުރުގައިވާ ރަށްތައް ހިމަނައިގެން ޒޯނެއްގެ ގޮތުުގައި ތަރައްގީކުރަމުން ގެންދިޔުން ކަމަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ޕްލޭނިންގ މިނިސްޓްރީގެ މަސައްކަތްތަކާ ބެހޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު އަސްލަމް މިއަދު ވިދާޅުވީ، އެގޮތަށް ޕްލޭން ކުރާއިރު، މައިރަށާ 35 މޭލު ދުރުގައި ހިމެނޭ ރަށްރަށަށް ވެސް ގޮތްތަކެއް ކަނަޑައަޅާފައިވާ ކަމަށެވެ.

"ސަރުކާރުގެ ވިސްނުމަކީ ރާއްޖެ ތަރައްގީ ކުރުމުގައި ރާއްޖެ ސަރަހައްދުތަކަކަށް ބަހާލެވިގެން ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުން. އެގޮތުން އަޅުގަނޑުމެން ރާއްޖެ ބަހާލާފައިވާނެ، އެ މޮޑެލްއަކީ "ހަބްއެންޑްސްޕޯކް މޮޑެލް"އެއް، އޭގެ މާނައަކީ އަޅުގަނޑުމެން ބަހާލާ ސަރަހައްދުތަކުގައި ކޮންމެ ސަދަރަހައްދެއްގައި އޮންނާނެ އެ ސަރަހައްދެއްގެ ސެންޓްރަލް ރަށެއް، އެރަށް ވަށައިގެން އެންމެ ކައިރީގަ 20 މޭލު ރޭޑިއެސްގެ ތެރޭގައި ހުންނަ ރަށްރަށަކީ އެރީޖަންގެ ނިއުކުލިއަސްގެ ގޮތުގައި މަސައްކަތްކުރާނެ ރަށްރަށް، އޭގެ ބޭރުން 35 މޭލުގެ ރޭޑިއެސްގެ ތެރޭގައި ހުންނަ ރަށްރަށަކީ މި ޒޯނުގައި ހިމެނޭ، ޖޯގްރަފީ ޓާމްސްގެ ގޮތުގައި ކިޔާކަމަށްވަންޏާ އާބަން ސެންޓަރަކާއި އާބަން ޒޯނަކާއި ސަބްއާބަންޒޯނެއް އަންނާނެ. މިކުރާ މަަސައްކަތުގެ ތެެރެއިން ފަސް ސަރަހައްދެއް ޕްރައިމަރީ ރީޖަންގެ ގޮތުގައި ފާހަގަ ކުރެވިފަ އޮތީ އިތުރަށް ނުވަ ސަރަހައްދެއް ސަބް ރީޖަންގެ ގޮތުގައި ފާހަގަ ކުރެވިފަ އެބައޮތް. އޭގެ އިތުރުން ފަސް ކްލަސްޓަރ އެއް އޮންނާނެ އަޅުގަނޑުމެންނަށް ރީޖަންތަކުގެ ގޮތުގައި ކެޓަގަރައިޒް ނުކުރެވޭ. އެހެންނަމަވެސް އެ ރަށްތައް އެއްކޮށްލައިގެން ސެޓެލައިޓް ކްލަސްޓަރސް ތަކެއްގެ ގޮތުގައި އެތަންތަން ތަރައްގީ ކުރެވޭނެ.،" މިނިސްޓަރު އަސްލަމް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ ކޮންމެ ރީޖަނެއްގައި އެއާޕޯޓެއް އޮތުން ކަމަށާއި، ޕްރައިމަރީ ރީޖަންތަކުގައި އިންޓަނޭޝަނަލް އެއާޕޯޓްތައް ގާއިމް ކުރުން ކަމަށެވެ. އަދި ސަރުކާރުގެ ވިސްނުމަކީ 20 މިނެޓުން އެއާޕޯޓަކަށް ނުދެވޭ ރަށެއް ނުބޭއްވުން ކަމަށާއި، ނަމަވެސް އެކަން އެގޮތަށް ނުކުރެވޭނެ ރަށްތަކެއް އެބަހުރި ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އަސްލަމް ވިދާޅުވި އެފަދަ ރަށްތަކަށް އަމާޒު ކޮށްގެން ސަރުކާރުން ޕްލޭން ކޮށްފައިވަނީ، ޑޮމެސްޓިކް މެރިޓައިމް ޓްރާންސްޕޯޓް ސިސްޓަމެއް މުޅިރާއްޖޭގައި ފަތުރާލުން ކަމަށެވެ.

އެއީ ސަރުކާރުގެ ހަރަދުގައި ޕަބްލިކް ޓްރާންސްޕޯޓްގެ ގޮތުގައި ކުރިއަށްގެންދާ މަޝްރޫއެއް ކަމަށާއި ދުރުމުސްތަގުބަލެއްގައި އެކަމުގެ ތެރެއިން ޕްރައިވެޓް އޯނަޝިޕް އައުމުން އެކަން ޕްރައިވެޓް ކުރުމާމެދު ވިސްނިދާނެ ކަމަށްވެސް މިނިސްޓަރު އަސްލަމް ވިދާޅުވިއެވެ.