އެމްޕީއެލްގެ ބަހުގެ ހިދުމަތް ހައްޖުވެރިންނާއި އެމީހުންގެ އާއިލާއަށް ހިލޭ ދޭން ނިންމައިފި އެވެ.
އެމްޕީއެލްގެ ހެޑް އޮފް ޓްރާންސްޕޯޓް ޑިޕާޓްމަންޓް މުހައްމަދު މަހުޖޫބް ''ވަން އޮންލައިން'' އަށް މައުލޫމާތުދެއްވަމުން ވިދާޅުވީ މިއަދު މި ހިދުމަތް ފަށާފައިވާ ކަމަށެވެ. އެގޮތުން ހައްޖުވެރީން ފުރުމަށް ހަމަޖެހިފައިވާ ގަޑިއަށް އެއާޕޯޓަށް ހިލޭ ގެންދިއުމުގެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށާއި ހައްޖުވެރިންނާއި، ހައްޖުވެރިން ފުރުވުމަށް ދާ އެންމެނަށް މި ހިދުމަތް ހިލޭ ލިބޭނެ ކަމަށް މަހުޖޫބް ވިދާޅުވިއެވެ.
މިއަދު އެމްޕީއެލް އިން ހައްޖުވެރިންނާއި އާއިލާތަކަށް މި ހިދުމަތް ދޭން ފެށީ ބަސްތައް ''ސްޓޭންޑް ބައި'' ގައި ބަހައްޓައިގެން ކަމަށާއި، މީހުން އަންނަ ވަރަކުން ހުޅުލެއަށް ބަސް ދަތުރު ކުރުމަށް ހަމަޖައްްސާފައިވާ ކަމަށް މަހުޖޫބް ވިދާޅުވިއެވެ. އަދި ބަސްތައް ޝެޑިއުލް ކޮށްފައިވަނީ ފްލައިޓްތައް ފުރުމަށް ހަމަޖެހިފައިވާ ގަޑިތަކަށް ބަލާފައިކަމަށް ވެސް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ބަސްތައް ހުޅުލެއަށް ދާނީ މާލެ ބަސް ޓާމިނަލުން ކަމަށެވެ.
މިއަހަރު ހައްޖުވެރިން ހައްޖަށް ފުރަން މިއަދު ފަށާފައިވާއިރު، އަންނަމަހު ފަހެއްގެ ނިޔަލަށް ހައްޖުވެރިން ފުރުމަށް ޝެޑިއުލް ކޮށްފައިވެއެވެ. މިއަދު ހައްޖަށް ފުރަނީ ޒައީމާ ގްރޫޕުން ހައްޖަށް ދާ 84 ހައްޖުވެރިންނެވެ.