ރައީސް ޔާމީންގެ ޝަރީއަތަކީ މުޅި ގައުމުގެ މަސްލަހަތާ ގުޅިފައިވާ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެ އެވެ.
އާދަމް ޝަރީފު މިހެން ވިދާޅުވީ އޭނާ ރޭގެ ވަގުތެއްގައި ކުރެއްވި ޓުވީޓެއްގަ އެވެ.
"ރައީސް ޔާމީންގެ ޝަރީއަތް ހިނގަމުންދާ ގޮތް އޮޕޮސިޝަނުން ދަނީ ގާތުން ބަލަމުން. މިއީ މުޅި ގައުމުގެ މަސްލަހަތާ ގުޅިފައިވާ ކަމެއް. އިންސާފާއި ބޭއިންސާފު ރައްޔިތުންވެސް މިންކުރާނެ. ގައުމުގެ ގިނަ ކަންކަމަށް ރައީސް ޔާމީން އިންގިލާބީ ބަދަލުތަކެއް ގެންނެވިކަން ގިނަބަޔަކު ގަބޫލުކުރޭ." އާދަމް ޝަރީފު ވިދާޅުވި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާގެ، އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި މިއަދު މެންދުރު 12:45 އަށް ވަނީ ތާވަލުކޮށްފަ އެވެ. އަދި މި ޝަރީއަތް ޓީވީން ލައިވް ކުރަން ވަނީ ހަމަޖައްސައިފަ އެވެ.