ރީކޯ މޫސާ މަނިކް

ޕީޕީއެމް ޕީޖީ ލީޑަޝިޕް ފެއިލްވެއްޖެ، އާ ލީޑާޝިޕަކަށް ދާން ޖެހޭ: މޫސަ

ޕީޕީއެމްގެ ޕާލިމެންޓްރީ ގުރޫޕުގެ ލީޑަޝިޕް ފެއިލްވެފައިވާ ކަމަށާއި އާ ލީޑަޝިޕަކަށް އަވަހަށް ދާން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކު (ރީކޯ މޫސަ) ވިދާޅުވެއްޖެ އެވެ.

"ވަން އޮންލައިން" އަށް ދެއްވި އިންޓަވިއުއެއްގައި މޫސަ ދާދި ދެންމެ ވިދާޅުވީ ޕީޕީއެމްގެ 12 މެންބަރަކު މިހުރިހާ ދުވަހު އެބޭފުޅުންގެ ދާއިރާ ތަމްސީލު ނުކުރެއްވެވި ތިއްބަވަން ޖެހިވަޑައިގެންނެވީ ވެސް ޕީޕީއެމްގެ ޕީޖީ ގެ ލީޑަޝީޕް ފެއިލްވެފައި އޮތުމުގެ ސަަބަބުން ކަމަށެވެ.

މަޖިލީހުގެ ނައިބު ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ވަރަށް އަވަހަށް މަޖިލީހަށް ވައްދާނެ ކަމަށް ޕީޕީއެމް ޕީޖީ ޑެޕިއުޓީ ލީޑަރު ފަލާހު މިއަދު ވިދާޅުވެފައިވާ މައްސަލައިގައި މޫސަ ވިދާޅުވީ އެއިން ވެސް ދައްކައިދެނީ ޕީޖީ ލީޑޝިޕް ފެއިލްވެފައިވާ ކަން ކަމަށެވެ.

"އެކަހަކަ ބޮޑެތި ކަންކަން ޕީޖީ ގުރޫޕުގައި އެއްވެސް ވަރަކަށް މަޝްވަރާ ވެސް ކޮށްލުމެއް ނެތި އެހެން ހުށައެއް ނޭޅޭނެ. އޭގެން މި އެނގެނީ ޕީޕީއެމް ޕީޖީ ގުރޫޕުގެ ލީޑަރޝިޕް ފެއިލް ވެއްޖެކަން. އެމެންބަރަކު ބޭނުންފުޅު ވާހަކައެއް ދައްކަވަނި. ލީޑަޝިޕެއް އޮންނަ ނަމަ އެހެން ވެގެން ނުވާނެ." މޫސަ ވިދާޅުވި އެވެ.

މޫސަ ވިދާޅުވީ ފަލާހު މިއަދު އެވާހަކަ ދެއްކެވީ ޕީޖީ ގުރޫޕުގައި އެއްވެސް މަޝްވަރާއެއް ކުރައްވައިފައި ނޫން ކަމަށެވެ. އަދި ދާދި ފަހުން ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލައްވާ ވާހަކަ ވިދާޅުވި އެއީ ވެސް ޕީޖީ ގުރޫޕުގައި އެއްވެސް މަޝްވަރާއެއް ކުރެއްވުމެއް ނެތި އިއުލާނުކުރެއްވި ކަމެއް ކަމަށް މޫސަ ވިދާޅުވި އެވެ.

"އެ ހުންނަނީ ހަމަ ތިއްބަވާފަ ސަމާސާ އަށް ދައްކާ ކަހަލަ ވާހަކަ ތަކެއް ނޫން. މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލައްވާ ވާހަކަ އާ މަޖިލީހުގެ ނައިބު ރައީސް ވަކި ކުރާ ވާހަކަ އަކީ ސަމާސާ އެއް ނޫން. ސަމާސާއަކަށް ހަދާފަ ދައްކައިގެން ވާނެ ވާހަކައެއް ވެސް ނޫން." މޫސަ ވިދާޅުވި އެވެ.