އޭސިއަން ބޮޑީބިލްޑިންގ އެންޑް ފިޒީކް ސްޕޯޓްސް ފެޑެރޭޝަން ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ބޮޑީބިލްޑަރު މުހައްމަދު މޫސާ ރަން މެޑެއްޔެއް ހޯދައިފިއެވެ.
އިއްޔެ އިން ފެށިގެން މާދަމާގެ ނިޔަލަށް ނޭޕާލްގެ ކަތަމަންޑޫގައި ކުރިއަށްދާ އޭސިއަން ބޮޑީބިލްޑިންގ އެންޑް ފިޒީކް ޗެމްޕިއަންޝިޕްގައި މުހައްމަދު މޫސާ ރަން މެޑެއްޔެއް ހޯދާފައިވަނީ 55 ކިލޯގެ ކެޓަގަރީންނެވެ.
މުހައްމަދު މޫސާއަކީ މޯލްޑިވްސް ޕޮލިސް ސާވިސްގެ ސްޓޭޝަން އިންސްޕެކްޓަރެކެވެ. މުހައްމަދު މޫސާގެ އެ ކާމިޔާބީއާ ގުޅިގެން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވަނީ އޭނާއަށް މަރުހަބާ ދަންނަވައިފައެވެ. ހަމީދު ކުރެއްވި ޓުވީޓުގައި ވިދާޅުވީ މުހައްމަދު މޫސާގެ އެ ކާމިޔާބީއަކީ ދިވެހި ފުލުހުންނަށް ވެސް ލިބުނު ޝަރަފެއް ކަމަށެވެ.
އެ ޗެމްޕިއަންޝިޕްގައި ރާއްޖޭގެ އަހްމަދު މާހިލް ސައީދު ވަނީ ސީނިއާ އިވެންޓުގެ 65 ކިލޯގެ ކެޓަގަރީން ހަތަރުވަނަ ހޯދައިފައެވެ. އުމުރުން 19 އަހަރުގެ މާހިލް، މާދަމާ ޖޫނިއާ ކެޓެގަރީގައި ވާދަކުރާނެއެވެ.