ބޮލީވުޑް

ބާރަ އަހަރު ފަހުން ޝިލްޕާގެ އެނބުރި އައުން ލިޔުންތެރިއެއްގެ ރޯލުން

މެދުކެނޑުމަކަށްފަހު ބަތަލާ ޝިލްޕާ ޝެޓީ ފިލްމީ ދުނިޔެއަށް އެނބުރި އަންނަ ވާހަކަ މީޑިއާއަށް ތިލަވެފައި އޮންނަތާ މިވަނީ ދުވަސްތަކެއް ވެފައެވެ.

ފަހުގެ ރިޕޯޓްތައް ބުނާގޮތުގައި ޝިލްޕާ ފުރަތަމަ ކުޅެނީ ކޮމެޑީ ފިލްމެކެވެ. އަދި އޭގައި އޭނާ އަދާކުރަނީ ލިޔުންތެރިއެއްގެ ރޯލެވެ.

ޔަމީ ގޯތަމް އަދި ދިލްޖިތް ސިންގްވެސް ލީޑް ރޯލުން ފެނިގެންދާ އެ ފިލްމު ނަން އަދި ހާމަކޮށްފައި ނުވާއިރު ފިލްމު ޑައިރެކްޓް ކުރަނީ އާ ޑައިރެކްޓަރެއްކަމަށްވާ ހާރޫން އެވެ. ހާރޫން މީގެ ކުރިން ވަނީ ޝާހު ގެ ފިލްމުތައް ކަމަށްވާ "ރާޖޫ ބަންގަޔާ ޖެންޓަލްމެން" އަދި "ޔެސްބޮސް" ގެ ޑައިރެކްޓިންގައި އެހީތެރިވެދީފައެވެ.

އެންމެ ފަހުން ޝިލްޕާ ކުޅުނު ފިލްމަކީ 2007 ވަނަ އަހަރު ނެރުނު ފިލްމު "އަޕްނޭ" އެވެ. ނަމަވެސް އޭގެ ފަހުން ތިން ފިލްމެއްގެ ލަވަތަކެއްގައި ޝިލްޕާގެ ހާއްސަ ފެނިލުން ހިމަނާފައިވެ އެވެ. އެއީ ފިލްމު އޯމް ޝާންތި އޯމްގެ ޓައިޓަލް ޓްރެކް ލަވައާއި ދޯސްތާނާގެ ލަވަ "ޝަޓްއަޕް އެންޑް ބައުންސް" އާއި 2014 ގައި ނުކުތް ފިލްމު ދިޝްކިޔާންގެ ލަވަ "ތޫ މޭރޭ ޓައިޕް ކާ ނެހީ ހެއި" އެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި މި ފިލްމުގެ ޝޫޓިން އަންނަ މަހު ފަށާނެ އެވެ.