އިންސާނަކަށް އޭނާގެ މައިންބަފައިންނަށް ވުރެ ވަކިން ބޮޑު ހެޔޮކަމެއް ކޮށްދޭނޭ އެހެން ބަޔަކު ނުވާ ކަމަށާއި މައިންބަފައިންނަށް އިހުސާންތެރިވާން ޖެހޭ ކަމަށް ހުކުރު ހުތުބާގައި ބުނެފިއެވެ.
މިއަދުގެ ހުކުރު ހުތުބާގައި ބުނީ އަޅުތަކުންގެ މައްޗަށް އެންމެ އޯގާވަންތަ ފަރާތަކީ ﷲ ތައާލާ ކަމަށާއި އެކަލާނގެއަށްފަހު އިންސާނާއަށް އެންމެ އޯގާތެރި ފަރާތަކީ މައިންބަފައިން ކަމަށެވެ.
"އެއްވެސް އިންސާނަކަށް އެމީހުންގެ މައިންބަފައިންނަށް ވުރެ ވަކިން ބޮޑު ހެޔޮކަމެއް ކޮށްދޭނޭ އެހެން ބަޔަކު ވުޖޫދުގައި ވާނެބާވައެވެ؟ ކުޑައިރުއްސުރެ ތިބާ ބަލައި ބޮޑުކުރީ އެ ދެމީހުންނެވެ. އެ ދެމީހުންގެ އުފަލާއި އަރާމަށް ވުރެ، އިސްކަމެއް ދީފައިވަނީ ތިބާ ދުޅަހެޔޮ ސިއްހަތެއްގައި ބަލައި، ބޮޑު ކުރުމަށެވެ. އެ ދެމީހުންގެ ތެރެއިން ވެސް ވަކިން ހާއްސަކޮށް މަންމަގެ ހައްގު ތިބާގެ މައްޗަށް ބޮޑުވެގެންވެއެވެ. ނުހަނު ވޭނާއި ތުރާލުގައި ނުވަ މަހާއި ދިހަ ދުވަސް ހޭދަކޮށް ވިހެއުމަށްފަހު، ތިމާ ބޮޑުކުރީ އެ މަންމަގެ ގާތުން ކިރުދީގެންނެވެ. ރޭގަނޑުގެ ނިންޖާއި އަރާމު ނަގާލައި ތިބާ ބަލައި ބޮޑުކޮށްފައި ވަނީ، ތިބާގެ ފަރާތުން އެ މަންމައަށް ކުރެވޭ ފޮނި އުންމީދުތަކަކާ ވެސް އެކުގައެވެ..،" ހުތުބާގައި ބުނެފައިވެއެވެ.
ހުތުބާގައި ބުނެފައިވަނީ ތިމާއަށް އިހުސާންތެރިވި މީހަކަށް އިހުސާންތެރިވުމާއި ހެޔޮކަމެއް ކޮށްދިން މީހަކަށް ބަދަލުގައި ހެޔޮކަމެއް ކޮށްދިނުމީ ވެސް، އިސްލާމްދީނުގައި އައިސްފައިވާ ރިވެތި އަހުލާގުގެ ތެރެއިން ހިމެނޭ ކަމެއް ކަމަށެވެ.
"ކާފައާއި މާމައަކީ ވެސް މަންމައާއި ބައްޕައެކޭ އެއްފަދައިން ކަމޭ ހިތަން ޖެހޭ ބައެކެވެ. މިގޮތުން ބަލާއިރު، ފިރިމީހާ ނުވަތަ އަނބިމީހާގެ މައިންބަފައިންނަކީ ވެސް، ހަގީގީ މައިންބަފައިން ކަމުގައި ނުވި ނަމަވެސް އެ މަގާމުގައިވާ ބައެކެވެ. އެހެންކަމުން ހަގީގީ މައިންބަފައިން ވެސް އަދަބު އިހުތިރާމު އަދާކޮށް، އޯގާތެރިކޮށް ކަންތައް ކޮށްދިނުމަކީ އިސްލާމީ ރިވެތި އަދަބުތަކުގެ ތެރެއިންވާ ކަމެކެވެ..،" ހުތުބާގައި ބުނެފައިވެއެވެ.
ހުތުބާގައި އިތުރަށް ބުނެފައިވަނީ އިސްލާމްދީނުގައި އަންގަވާފައިވަނީ މައިންބަފައިންގެ ކުރިމަތީގައި އެންމެ ކުޑަމިނުން "އުއްޕު" ވެސް ނުބުނުމަށާއި މައިންބަފައިންނަށް އަދަބު އިހުތިރާމު އަދާކުރުމުގެ ގޮތުން އެބައިމީހުންގެ ކުރިމަތީގައި މަޑުމޮޅިވުމަށާއި މައިންބަފައިންނަށް ހެޔޮ ދުއާކުރުމަށް ކަމަށެވެ.