ޕޮލިސް

ރާއްޖޭގެ ބޯޑާ ސެކިއުރިޓީ ވަރުގަދަކުރަން އެއްބަސްވުމެއްގައި ސޮއިކޮށްފި

ރާއްޖޭގެ ބޯޑާ ސެކިއުރިޓީގެ ހިދުމަތް އިތުރަށް ވަރުގަދަ ކުރުމުގެ ގޮތުން އިންޓަޕޯލް ނޭޝަނަލް ސެންޓްރަލް ބިއުރޯ އާއި މޯލްޑިވްސް އިމިގްރޭޝަނާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އިއްޔެ ބޭއްވި ރަސްމިއްޔާތުގައި އިންޓަޕޯލް ނޭޝަނަލް ސެންޓްރަލް ބިއުރޯގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދެވެ. މޯލްޑިވްސް އިމިގްރޭޝަންގެ ފަރާތުން ސޮއިކުރެއްވީ ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު އަހުމަދެވެ.

އެއްބަސްވުމާ ގުޅޭގޮތުން އިމިގްރޭޝަނުން ބުނީ މި އެއްބަސްވުމުގެ ދަށުން ރާއްޖޭގެ ބޯޑާ ސެކިއުރިޓީ އިތުރަށް ހަރުދަނާ ވެގެންދާނެ ކަމަށެވެ.

އަދި އިންޓަޕޯލްގެ ބޯޑާ ސެކިއުރިޓީ މެނޭޖްމެންޓް ޑޭޓާބޭސްއަށް ފުރިހަމައަށް އެކްސެސް ލިބިގެން ދިއުމުން ރާއްޖެއަށް އެތެރެވާ މީހުންނާއި ތަކެއްޗަށާއި އަދި އުޅަނދުފަހަރު ފަދަ ތަކެތި ސްކްރީން ކުރުމުގައި ގެންގުޅޭ ނިޒާމު އިތުރަށް ހަރުދަނާވާނެ ކަމަށެވެ.

މި ޑޭޓާބޭސްތަކުގެ އެހީގައި އެކި ކުށްތަކަށް އަރައިގަންނަ ފަރާތްތައް ދެނެގަނެ އިންސާފުގެ ކުރިމައްޗަށް ހާޒިރުކުރުމަށް ގާނޫނު ތަންފީޒުކުރާ ފަރާތްތަކަށް އެހީތެރިވެދޭނެއެވެ.

ދިވެހިރާއްޖެއަކީ 1984 ވަނަ އަހަރުން ފެށިގެން އިންޓަޕޯލްގެ މެންބަރު ގައުމެކެވެ. އިންޓަޕޯލްގެ މެމްބަރު ގައުމުތަކުގެ 194 ސެންޓްރަލް ބިއުރޯގެ ޑޭޓާބޭސްތައް ވެސް ހުންނާނީ އެއް ވިއުގައަކުން ގުޅާލެވިފައެވެ.