އިބްރާހިމް ޒަކީ
އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅޭގޮތުން، މަނީ ލޯންޑާ ކުރުމަށް މަގުފަހި ކުރެއްވި ކަމުގެ ތުހުމަތުގައި، ކުރީގެ ރައީސް އަބުދުﷲ ޔާމީންގެ ސަރުކާރުގެ ލީގަލް އެފެއާޒް މިނިސްޓަރު އާއިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް ކުރާ ދައުވާއަކީ، ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އައިޝާތު ބިޝާމް، އޭނާގެ ކުށް ފޮރުވަން ކުރައްވާ ދައުވާއެއް ކަމަށް ކަމަށް އާޒިމާ ވިދާޅުވެއްޖެއެވެ.
އެ ޝަރީއަތުގެ ފުރަތަމަ އަޑުއެހުން މިއަދު ބާއްވާފައިވާއިރު، ޝަރީއަތާ ބެހޭގޮތުން އާޒިމާ މިއަދު ނެރުއްވި މީޑިއާ ސްޓޭޓްމެންޓެއްގައި ވިދާޅުވެފައިވަނީ އެ ދައުވާ އަކީ ސައްހަ ދައުވާއެއްނޫން ކަމަށެވެ.
މީޑިއާ ސްޓޭޓްމަންޓްގައި އާޒިމާ ވިދާޅުވެފައިވަނީ، މި މައްސަލައަކީ ޕީޖީ ބިޝާމްގެ އަމިއްލަ މަސްލަހަތެއް އޮތުމުގެ ސަބަބުން އޭނާއަށް ކުރެއްވޭނެ ދައުވާއެއް ނޫން ކަމަށާއި މިއީ ގާނޫނީ ގޮތުން ސައްހަ ދައުވާއެއް ނޫންކަން ދައުވާގެ ލިޔުންތައް ދިރާސާކުރެއްވުމުން އެނގިވަޑައިގެނެވި ކަމަށެވެ.
މައްސަލައިގެ ލިޔެކިޔުންތަކުން އެނގޭ ގޮތުން، ރައީސް ޔާމީންގެ އެކައުންޓަށް އެސްއޯއެފުން ފައިސާ ޖަމާކޮށްފައިވަނީ މި ދައުވާގައި ބުނާ މަގާމަށް އާޒިމާ އައްޔަން ކުރެއްވުމުގެ މާ ކުރިން ކަމަށްވެސް ވިދާޅުވެފައިވެއެވެ.
"އޭރު އަޅުގަނޑުގެ މައްޗަށް މި ދައުވާކުރާ ޒިންމާތައް ދައުލަތުގައި އަދާކުރައްވަން ރައީސް އޮފީހުގައި ހުންނެވީ މިހާރުގެ ޕީޖީ ބިޝާމް، އެހެންކަމުން، މި ދައުވާގައި ހިމެނޭ ޖިނާއީ މައްސަލަ ތަކުގައި، ސީޣާގައި ބަޔާން ކޮށްފައިވާ މައްސަލައަކީ އަޅުގަނޑުގެ އެނގުމާއި، ބައިވެރިވުން އޮވެެގެން ހިނގާފައިވާ ކަމެއް ނޫން. އެއާ ހިލާފަށް މިއީ ބިޝާމް، އޭނާގެ މަގާމުގެ ބޭނުން ކުރައްވައިގެން އޭނާގެ ބައިވެރިވުން، ނުވަތަ އިހުމާލު އޮތް ޖިނާއީ އަމަލެއް ފޮރުވައި، އެއަށް ޖަވާބުދާރީ ވުމުންނާއި އެކަމުގެ ނަތީޖާތަކުން ރެކުމަށް ކުރައްވާފައިވާ ގާނުނާ ހިލާފު އަމަލެއް،" އާޒިމާ ވިދާޅުވެފައި ވެއެވެ.
އާޒިމާ ވިދާޅުވީ މި ދައުވާގައި އޮތްގޮތަށް ބަލާއިރު، މުއާމަލާތުގައި މަނީލޯންޑްރިންގެ އަމަލު ހިމެނިފައި ވާނަމަ އެކަން ފުރިހަމަވެފައި ވަނީ ބިޝާމް އެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ހުންނެވިއިރު، ހިނގައިގޮސްފައިވާ ކަންކަމުގެ މައްޗަށެވެ. އެހެންކަމުން އެއީ ބިޝާމްގެ އިހުމާލު ނުވަތަ ބައިވެރިވުން، އޮތް ކަމެއް ކަމުގައިވާތީ މި ދައުވާ ފަރުމާ ކުރައްވާފައި ވަނީ، އެކަންކަން ފާޅު ނުވާނެ ގޮތަށް އަދި ބިޝާމްގެ ދައުރު ނުފެންނާނެ ގޮތަށް އޭގެ ފަހުން ހިނގާފައިވާ ކަންކަންވެސް އެއީ ކުށުގެ ރުކުންތަކެއް ކަމަަށް ހިމަނައިގެން ކަމަށް އާޒިމާ ވިދާޅުވި އެވެ.
"މިއީ ރާއްޖޭގެ ތާރީހުގައި ހިނގާފައިވާ ފައިސާގެ އެންމެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ފިޔަވަޅު އެޅުއްވިކަން ދެއްކުމުގެ ގޮތުން އަމިއްލަ އަމަލުތައް ފޮރުވައި ވަރަށް ފަރުވާތެރިކަމާއެކު ޑްރާފްޓް ކޮށްފައިވާ ވަރަށްވެސް އަންޕްރޮފެޝަނަލް އަދި ގާނޫނާ ހިލާފު އަމަލެއް،" އާޒިމާ ވިދާޅުވިއެވެ.
ސްޓޭޓްމަންޓްގައި އާޒިމާ އިތުރަށް ވިދާޅުވީ، އެމްއެމްޕީއާރުސީގެ މައްސަލަ އޭސީސީން ތަހުގީގުކޮށް ނިންމައި ދައުވާކުރުމަށް އެދި، އެ މައްސަލައިގެ ރިޕޯޓް ޕީޖީއަށް ފޮނުވާފައިވާތާ އަހަރަކަށްވުރެ ގިނަދުވަސް ވެފައިވީ ނަމަވެސް އެކަމާބެހޭގޮތުން ޕީޖީ އެއްވެސް ފިޔަވަޅެއް އަޅުއްވާފައި ނުވާ ކަމަށެވެ.
އެމްއެމްޕީއާރުސީގެ ފައިސާ ހޯދުމަށް ޕީޖީ އެއްވެސް ކަމެއް ކުރައްވާފައި ނުވާކަން އެމްއެމްޕީއާރުސީން ހާމަކުރުމުން އެމައްސަލަގައިގައި ބިޝާމްގެ ތައައްސުބު އޮތް މިންވަރު ހާމަވާ ކަމަށްވެސް އާޒިމާ ވިދާޅުވިއެވެ.
"ހިޔާނާތުގެ މުޅި މައްސަލަ ހިނގައިނިމި ގޮސްފައިވަނީ 24 ނޮވެމްބަރު 2015 ވަނަ ދުވަހު، ޕީޖީގެ މަގާމާ ބިސާމް ހަވާލުވުމުގެކުރިން، ރައީސް އޮފީހުގެ ގާނޫނީ ޒިންމާތަކާއި ދައުލަތުގެ މުހިއްމު ގާނޫނީ ޒިންމާ ތަކަކާއި ހަވާލުވެ ހުންނެވިއިރު، އަދި އެމްއެމްޕީއާރުސީގެ މައްސަލައިގައި ދަައުލަތުގެ އެކި ފެންވަރުގެ ވެރިންގެ މައްސަލަހަތު ހުރިކަން ފެންނަންހުރި އިރު، އަދި މި މައްސަލައިގައި ވެސް ރައީސް އޮފީހުގެ ލިޔުންތަކާއި، ނިންމުންތައް ހެކީގެ ގޮތުގައި ހުށަހަޅުއްވާފައިވާއިރު މި މައްސަލައަކީ ބިޝާމް ގެ ސީދާ މަސްލަހަތު އޮތް މައްސަލައެއްކަން ސާފުކޮށް އެނގޭ،" އާޒިމާ ވިދާޅުވިއެެވެ.