އައިލެންޑް އޭވިއޭޝަން

ފައިސާ ނުދައްކައިފި ނަމަ ކޯޓަށް ވެސް ދާނަން، މިއަދު ޕީޕީއެމުން އެއް މިލިއަން ދެއްކި: އައިލެންޑް އޭވިއޭޝަން

ޕީޕީއެމުން އައިލެންޑް އޭވިއޭޝަނަށް ދައްކަން ޖެހޭ 4.8 މިލިއަން ރުފިޔާ ގެ ތެރެއިން އެއް މިލިއަން މިއަދު ދައްކާފައިވާ ކަމަށާއި ބާކީ ލިބެން ޖެހޭ ފައިސާ އަންނަ ހަފުތާގެ ތެރޭގައި ދައްކާނެ ކަމަށް ބުނެފައިވާ ކަމަށް އައިލެންޑް އޭވިއޭޝަނުން ބުނެފި އެވެ.

"ވަން އޮންލައިން" އަށް ދެއްވި އިންޓަވިއުއެއްގައި އެ ކުންފުނީގެ އިސް އޮފިޝަލަކު ވިދާޅުވީ ބާކީ ލިބެން ޖެހޭ 3.8 މިލިއަން ރުފިޔާ ހޯދަން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށެވެ.

"އަޅުގަނޑުމެން ވާނީ މި މައްސަލަ ފިނޭންސް މިނިސްޓްރީ އަށާއި އިލެކްޝަންސް ކޮމިޝަނަށް ވެސް ލިޔެފައި. ޕީޕީއެމުން ކުރީން ބުނެފަ އޮތީ މި ހަފުތާގެ ތެރޭ ދައްކާނެ ކަމަށް. މިއަދު އެއް މިލިއަން އެދެއްކީ. ބާކީ ބައި އަންނަ ހަފުތާގެ ތެރޭގައި ދައްކާނެ ކަމަށް ބުނި." އޮފިޝަލު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ފައިސާ އަކީ ޕީޕީއެމުން މާލޭގައި ބޭއްވި ބޮޑު ޖަލްސާ އަށް މީހުން ގެނައުމަށް ކުރި ދަތުރު ތަކެއް ކަމަށާއި ޕީޕީއެމްއާ އެކު އެއްބަސްވެފައި ވާނީ އެއް ދުވަސް ތެރޭ ފައިސާ ދައްކަން ކަމަށެވެ. އެ ގޮތުން އެންމެ ދުވަހެއްގެ ތެރޭގައި ފައިސާ ދައްކަން އޮތް ނަމަވެސް ކުންފުނީގެ ފައިސާގެ މައްސަލައެއް ކަމަށް ވާތީ ދެފަރާތުގެ ދެމެދުގައި އެގްްރިމެންޓެއް ވެސް ހަދާފައި އޮންނާނެ ކަމަށް އެ އޮފިޝަލު ވިދާޅުވި އެވެ.