ޖުމްހޫރީ ޕާޓީ

ޑރ. ޖަމީލަށް ޖޭޕީގެ ރައްދު: ޖޭޕީގެ ފިކުރަކީ ޕީޕީއެމްގެ ފިކުރެއްނޫން، ޖަމީލު ހާމަކުރެއްވީ ޖޭޕީގެ ވިސްނުމެއް ނޫން

ޝަހީދާ އަބްދުﷲ ސައީދު

4

ޖުމްްހޫރީ ޕާޓީގެ ފިކުރަކީ ޕީޕީއެމްގެ ފިކުރު ނޫން ކަމަށާއި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ހާމަކުރެއްވީ އެމަނިކުފާނުގެ އަމިއްލަ ވިސްނުން ކަމަށް ޖުމްހޫރީ ޕާޓީން ބުނެފިއެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ އެޑްވައިޒަރު ޑރ. ޖަމީލު ރޭ ވީޓީވީގެ ''ފަސްމަންޒަރު'' ޕްރޮގްރާމުގައި ދެއްކެވި ވާހަކަފުޅުތަކާއި ގުޅިގެން ޖޭޕީގެ ސެކްރެޓަރީ ޖެނެރަލް ހުސައިން ރަޝީދު ''ވަންއޮންލައިން'' އަށް މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ ޖަމީލު ދެއްކެވި ވާހަކަފުޅުތަކަކީ އެއީ އެމަނިކުފާނުގެ ވިސްނުންފުޅު ކަމަށާއި ޖޭޕީގެ ފިކުރަކީ ޕީޕީއެމްގެ ފިކުރު ނޫން ކަމަށެވެ.

ޖޭޕީ އޮތީ ސަރުކާރު ކޯލިޝަންގައިކަން ފާހަގަކުރައްވައި ހުސައިން ވިދާޅުވީ ސިޔާސީ ޕާޓީތަކާއި އޮންނަންޖެހޭ ގާތްގުޅުން ކޮންމެ ޕާޓީއަކާވެސް އޮންނާނެ ކަމަށާއި ޖޭޕީތެރޭގައި އެހެން ޕާޓީއެއްގެ ފިކުރެއް ނޯންނާނެ ކަމަށެވެ.

ހުސައިން ވިދާޅުވީ ޕީޕީއެމްއާއި ގުޅިގެން ސަރުކާރު ޒިންމާދާރު ކުރުމުގެ ގޮތުން ޖޭޕީން އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމަށެވެ. އަދި އިދިކޮޅު ޕާޓީއަކާއި ގުޅެން ނިންމާނީ ޕާޓީގެ ކައުންސިލާއި ލީޑާޝިޕް މަޝްވަރާ ކުރުމަށްފަހުކަން ފާހަގަކުރައްވައި ހުސައިން ވިދާޅުވީ އެފަދަ މަޝްވަރާއެއް ވެސް ކޮށްފައި ނުވާ ކަމަށެވެ. އަދި ޖަމީލު ދެއްކެވީ ޖޭޕީގެ ވިސްނުމާ އެއްގޮތް ވާހަކަތަކެއް ނޫންކަމަށް ވެސް ހުސައިން ވިދާޅުވިއެވެ.

ވީޓީވީ ގެ "ފަސް މަންޒަރު" ޕްރޮގްރާމުގައި ރޭ ވާހަކަދައްކަވަމުން ޖަމީލް ވިދާޅުވީ ޖުމްހޫރީ ޕާޓީ ވެސް ހިމެނެނީ ޕީޕީއެމް ފިކުރުގެ ތެރޭގައި ކަމަށާއި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމަކީ އިސްލާހީ މަސައްކަތުގައި އެފަދަ ދެވަނައެއް ނެތް ލާމަސީލު ބޭފުޅެއް ކަމަށެވެ.

ޖަމީލް ވިދާޅުވީ ވަކި މީހަކަށް މަސައްކަތްކުރަން ނުދާނެ ކަމަށާއި މަސައްކަތްކުރަނީ ގަބޫލުކުރާ ފިކުރަށް ކަމަށެވެ. އަދި ޖަމީލްގެ ސިޔާސީ ފިކުރު ހިމެނެނީ ޕީޕީއެމްގެ ތެރޭގައި ކަމަށާއި ޕީޕީއެމް އަށް ޓަކައި ކޮށްދެެވެން އޮތް ކަމެއް ވެސް ކޮށްދެއްވާނެ ކަމަށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟