ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު މިއަދު މަގާމުން ދުރުކުރާނެކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެއެވެ.
މަސީހުގެ އިތުބާރު ނެތްކަމަށް 51 މެންބަރަކު ސޮއިކުރައްވައި މަޖިލީހަށް ހުށަހެޅި ގަރާރާއި ގުޅިގެން، މަހުލޫފު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މަސީހު މިއަދު ބޭރުކުރާނެ ކަމަށާއި، ނޫނީ މިއަދު އިސްތިއުފާދެއްވާނެ ކަމަށެވެ.
''މިއަދަކީ ރައްޔިތުންނަށް އުފާވެރި ދުވަހަކަށް ވެގެންދާނެ. މިއަދު އަނިޔާވެރި މަސީހު ބޭރުކުރާނަން. ނޫނީ އިސްތިއުފާ ދޭނެ.'' މަހުލޫފު ކުރެއްވި ޓުވީޓުގައި ވިދާޅުވިއެވެ. މަހުލޫފު މިހެން ވިދާޅުވިއިރު، މިއަދު ކުރިއަށްދާ މަޖިލީހުގެ ޖަލްސާގައި މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ވޯޓް ނަގާނެ ކަމަށް އިދިކޮޅު ކޯލިޝަނަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުން ގެންދަވަނީ ވިދާޅުވަމުންނެވެ.
މިއަދު ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނާއިބު ރައީސް މޫސާ މަނިކު ވިދާޅުވެފައިވަނީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު އިއްޔެ ހަވީރު 6:00 ގައި އިސްތިއުފާ ދެއްވާނެ ކަމަށް ވިދާޅުވެ އިތުރުފުޅު ހެއްދެވި ކަމަށެވެ. މިއަހަރުގެ ތެރޭގައި މަސީހުގެ އިތުބާރު ނެތް މައްސަލަ ތިން ފަހަރެއްގެ މަތިން މަޖިލީހަށް ހުށަހަޅާފައިވެއެވެ.