ކުރީ ދައުރުތަކުގައި ފެނަކަ ކޯޕަރޭޝަންގެ މުދަލާއި ފައިސާއަށް ހިޔާނާތްތެރިވި ފަރާތްތަކާއި، ކޮރަޕްޝަންގެ އަމަލުތައް ހިންގާފައިވާ އެންމެހައި ފަރާތްތަކާ ބެހޭގޮތުން މިހާތަނަށް ކުންފުނީގެ މުވައްޒަފުންނާއި، އަދި އެކި ގޮތްގޮތުން ލިބިފައިވާ އެންމެހައި މައުލޫމާތު ކަމާ ބެހޭ ފަރާތްތަކާ ހިއްސާކޮށް އެ ފަރާތްތަކާ މެދު އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.
ފެނަކަ އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ ކުންފުންޏާ މެދު ޒާތީވެ ކުންފުނީގެ ހިދުމަތުގައި ތިބި އިހުލާސްތެރި މުވައްޒަފުންގެ ނަޒާހަތްތެރިކަން ގެއްލުވާލަން މަސައްކަތްކުރާ އެއްވެސް ފަރާތަކަށް އެ ފުރުސަތު ނުދޭނެ ކަމަށެވެ.
އެ ކުންފުނިން ރައްޔިތުންނަށް ދެމުންދާ އަސާސީ ހިދުމަތަކުން އެންމެ ހިނދުކޮޅަކަށް ވެސް ހުއްޓުމެއް އަޔަނުދިނުމަށް އިހުލާސްތެރިކަމާއި ތެދުވެރިކަމާއެކު ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުމާއެކު، ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު ރައްޔިތުންގެ މުދަލާއި ފައިސާއިން ރައްޔިތުންނަށް މަންފާ ކުރުވަނިވި ގޮތަށް ދެމެހެއްޓެނިވި ގޮތުގެ މަތީން، އިތުބާރުކުރެވޭ ހިދުމަތްތަކެއް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް އެ ކުންފުނިން މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށް ފެނަކަ އިން ބުންޏެވެ.
"ސަރުކާރު ހިއްސާވާ ޔުޓިލިޓީ ކުންފުނިތަކަކުން، އަތޮޅުތެރޭ ރަށްރަށުގެ ކަރަންޓު ހިދުމަތް ދޭން ފެށިތާ ދިހަ އަހަރު ފުރިހަމަވެފައިވާ އިރު، ފާއިތުވެދިޔަ މާޒީގައި އަތޮޅުތެރޭގެ ރައްޔިތުންނަށް ކަރަންޓު ހިދުމަތް ދިނުމަށް އުފެއްދި ޔުޓިލިޓީ ކުންފުނިތަކުން ހިދުމަތް ފޯރުކޮށްދެމުން ދަނިކޮށް އެކުންފުނިތަކުން ދެމުންދިޔަ ހިދުމަތްތައް 2012 ވަނަ އަހަރު، މުޅި ރާއްޖެ ހިމެނޭގޮތަށް "ފެނަކަ ކޯޕަރޭޝަން ލިމިޓެޑް"ގެ ނަމުގައި ކުންފުންޏެއް ވުޖޫދުވެ، 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހާ ހަމައަށްވެސް އަތޮޅުތެރޭގެ ރަށްރަށުގެ ކަރަންޓު ހިދުމަތަށް ދާއިމީ ހައްލެއް ނުލިބި އޮތް އޮތުމަކީ މިއަދުގެ ސަރުކާރާއި އަދި ފެނަކައިގެ މެނޭޖްމަންޓާ ހަވާލުވެ ތިއްބެވި ވެރިންނާއި ބޯޑު މެމްބަރުން ހިތާމަކުރާ ކަމެކެވެ..،" ފެނަކަ އިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
ފެނަކަ އިން ބުނީ ފާއިތުވެދިޔަ މާޒީގައި އެ ކުންފުނި ހިންގެވުމާ އެކި ފަހަރުމަތިން ހަވާލުވެލެއްވި އަދި ހާއްސަ ގޮތެއްގައި 2012 ވަނަ އަހަރު އެ ކުންފުންނާ ހަވާލުވި ފަރާތްތަކުން ކުންފުނި ހިތަކަށް ލިބި "ސައްބުބޭގެ ހުނިގޮނޑި" ފަދައިން ކަންވެ ދިއުމަކީ، މިއަދު އެ ކުންފުނީގެ މެނޭޖްމަންޓުން އެތައް ބުރަ މަސައްކަތެއްކޮށްގެން މެނުވީ ކަރަންޓުގެ ހިދުމަތް ރައްޔިތުންގެ އިތުބާރު ލިބިފައިވާ ދެމެހެއްޓެނިވި ގޮތެއްގައި ދެވޭނެ ހިދުމަތަކަށް ނުވާނެކަން މިއަދު ހާމަވެފައިވާ ކަމަށެވެ.
"ދަންނަވަމެވެ. ފެނަކަ ކޯޕަރޭޝަންގެ ހަ އަހަރުގެ މާޒީގައި ކުންފުނިން ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ކުންފުންޏާއި ކުންފުނީގެ ވެރިންނަށް މަތިކުރުވާ، އެ ވަގުތަކަށް ކުންފުންޏަށް ބޭނުންވާ ހުރިހާ ކަމެއްގައި މަގުފަހިކޮށް، ތަފާތު އެހީތެރިކަން ފޯރުކޮށްދީފައިވީ ނަމަވެސް، ހިދުމަތްތައް ފޯރުކޮށްދިނުމުގައި ނުކުޅެދި، އެ ހިދުމަތުން ރައްޔިތުން މަހުރޫމުވަމުން ދިޔަ ދިޔުމަކީ އެވަގުތު ކުންފުނި ހިންގަވަން ތިއްބެވި ބޭފުޅުން ހޯއްދެވި ނާޖާއިޒު ފައިދާއިން ރެކި އަދި މިއަދު ފެނަކަ ކޯޕަރޭޝަނުން މި ހިދުމަތް ދިނުމަށް ނަޒާހަތްތެރިކަމާއެކު ކުރަމުންދާ ބުރަ މަސައްކަތްތަކަށް ފަސްއަޅާ ފޮރުވަން އުޅުމަކުން، ކުރިން ހިންގާފައިވާ ޖަރީމާތައް ރައްޔިތުންނަށް އޮޅުވާލެވޭނެ ކަންކަމެއް ނޫން ކަމުގައި ދަންނަވަމެވެ..،" ފެނަކައިގެ ބަޔާނުގައި ބުނެފައިވެއެވެ.
ފެނަކަ އިން އިތުރަށް ބުނީ މިއަދު އެކި ފަރާތްތަކުން، ހާއްސަކޮށް ކުންފުނި ހިންގެވުމުގައި ތިއްބަނިކޮށް "ބަލަން އެހެލާފައިވާ" ފަރާތްތަކުން ކުންފުނީގެ ހާލަތާ މެދު މީޑިއާގައި ހިއްސާކުރާ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް އެކުލެވޭ ވާހަކަތަކެއް ނޫން ކަމަށެވެ.