ޑރ. މުހައްމަދު ޖަމީލް އަހްމަދު

ޖޭޕީ ވެސް ހިމެނެނީ ޕީޕީއެމް ފިކުރުގެ ތެރޭ، ޕީޕީއެމް ވަރުގަދަކުރަން އެހީވާނަން: ޖަމީލް

ރަނގަޅު އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ބޭއްވުމަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)އަށް އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.

ވީޓީވީ "ފަސް މަންޒަރު" ޕްރޮގްރާމުގައި ރޭ ވާހަކަދައްކަވަމުން ޖަމީލް ވިދާޅުވީ ޖުމްހޫރީ ޕާޓީ ވެސް ހިމެނެނީ ޕީޕީއެމް ފިކުރުގެ ތެރޭގައި ކަމަށާއި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމަކީ އިސްލާހީ މަސައްކަތުގައި އެފަދަ ދެވަނައެއް ނެތް ލާމަސީލު ބޭފުޅެއް ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް މިގައުމު ރަނގަޅު މަގުން ގެންދިއުމަށްޓަކައި ގާސިމްގެ އެހީތެރިކަން ބޭނުންވާނެ ކަމަށް ވެސް ޖަމީލް ވިދާޅުވިއެވެ.

"އަޅުގަނޑަކީ އެއްގޮތަކަށް ވެސް އެމްޑީޕީ ފިކުރުގެ މީހެއް ނޫން. އެބޭފުޅުންނަށް ވެސް އެކަން އެނގިވަޑައިގަންނަވާނެ. އަޅުގަނޑުމެން އިސްލާހީ މަސައްކަތުގައި މަސައްކަތްކުރަނީ. އެކަން ކުރަން ޖެހިއްޖެއްޔާ އެކަން ކުރާނަން. އެހެންނަމަވެސް އަޅުގަނޑު ނިސްބަތްވަނީ ޕީޕީއެމް ފިކުރަށް. އެ ފިކުރުގެ ތެރޭގައި ޖޭޕީ ވެސް ހިމެނެނީ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ރާއްޖޭގެ ރައްޔިތުންގެ މަސްލަހަތަށްޓަކައި އެބަޖެހޭ ރާއްޖޭގައި ހަރުދަނާ ގޮތެއްގައި ހިނގާ ސިޔާސީ ޕާޓީތަކެއް އޮންނަން. އަދި ރަނގަޅު އޮޕޮޒިޝަނެއް އޮންނަން. އަޅުގަނޑު ގަބޫލުކުރާގޮތުގައި އެ ދައުރުގެ އެންމެ ބޮޑު ޒިންމާއެއް އޮތީ ޕީޕީއެމްއަށް. އެކަމުގައި އަޅުގަނޑު އެބޭފުޅުންނަށް އެހީތެރިވެވެން އޮތް ހުރިހާ ގޮތަކުން އެހީތެރިވާނަން،" ޖަމީލް ވިދާޅުވިއެވެ.

ޖަމީލް ވިދާޅުވީ ވަކި މީހަކަށް މަސައްކަތްކުރަން ނުދާނެ ކަމަށާއި މަސައްކަތްކުރަނީ ގަބޫލުކުރާ ފިކުރަށް ކަމަށެވެ. އަދި ޖަމީލްގެ ސިޔާސީ ފިކުރު ހިމެނެނީ ޕީޕީއެމްގެ ތެރޭގައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އެހެންވީމާ ޕީޕީއެމަށް ހިދުމަތްކުރުމަކީ، އަޅުގަނޑު ގަބޫލުކުރާގޮތުގައި ވަކި މީހަކަށް ކުރުމެއް ނޫން. އެކަމެއް އަޅުގަނޑު ނުކުރާނަން. ސިޔާސީ ގޮތުން ދަންނަވާ ކަމުގައިވާނަމަ، އަޅުގަނޑުމެން މާ ނުތަނަވަސް މާހައުލުގައި އެހެން ފަރާތްތަކާ ވެސް ގުޅިފައި ވާނީ. ރައީސް ނަޝީދުގެ ވެރިކަމުގައި އަޅުގަނޑު އެއް ހަފްތާތެރޭ ފަސް ފަހަރު ހައްޔަރުކުރި. އޭގެ އިންސާފެއް އަދި އަޅުގަނޑަކަށް ނުލިބޭ މިއަދާ ހަމައަށްވެސް. އަދި އަޅުގަނޑު ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ނައިބު ރައީސެއްގެ ހައިސިއްޔަތުން ހުއްޓައި، އަޅުގަނޑު އަޒުލު ކުރި ކުރުން ނުވަތަ ވަކިކުރި ކުރުން، ގާނޫނާ ހިލާފަށް ކުރި މަސައްކަތުގެ ތެރެއިން ވެސް އެމްޑީޕީއާއި އެހެނިހެން އިދިކޮޅު ފަރާތްތައް ގުޅިގެން އެދިޔަ ގޮތަށް ގޮސް އެކައްޗެއް ކިޔާފައި އެކަން ކުރީވެސް،" ޖަމީލް ވިދާޅުވިއެވެ.

ޖަމީލް އިތުރަށް ވިދާޅުވީ މަޖިލިސް ތެރެއިން ނައިބު ރައީސްކަމުން އޭނާ ވަކި ކުރި ބޭފުޅުންގެ ތެރޭގައި އެމްޑީޕީގެ ބޭފުޅުން ހިމެނުނު ނަމަވެސް އިސްލާހީ މަސައްކަތުގައި ގުޅިގެން މަސައްކަތްކުރެވުނު ކަމަށެވެ. އަދި އެގޮތަށް އެމްޑީޕީއާ ގުޅިގެން މަސައްކަތްކުރެވުނު ގޮތަށް އަމިއްލަ ފިކުރާ ގުޅިގެން މަސައްކަތްކުރަން މާ ފަސޭހަވާނެ ކަމަށް ވެސް ޖަމީލު ވިދާޅުވިއެވެ.