ށ. އަތޮޅު މިލަންދޫ ސްކޫލުގެ ދަރިވަރުންގެ ހުނަރު ދައްކައިލުމުގެ ގޮތުން ކުރު ފިލްމެއް ތައްޔާރުކޮށް ސްކޫލުގައި އެފިލްމު އަޅުވަން ތައްޔާރުވެއްޖެ އެވެ.
މިލަންދޫ ސްކޫލުން މައުލޫމާތު ދިން ގޮތުގައި "ރިވެންޖް"ގެ ނަމުގައި ނެރޭ ބިރުވެރި ފިލްމަކީ އެ ސްކޫލުގެ ސައިންސް ޑިޕާޓްމެންޓްގެ ދަރިވަރުންގެ އުފެއްދުމެކެވެ.
އެ ސްކޫލުން ބުނީ ކުރު ފިލްމެއްގެ ގޮތުގައި މަސައްކަތްކޮށްފައިވާ އެ ޕްރޮޖެކްޓަކީ ދަރިވަރުންގެ ހުނަރުތައް ތަރައްގީކޮށް އެކި ކަހަލަ އަމަލީ ދާއިރާތަކުން ދަރިވަރުން ކުރިއެރުވުމަށް ކުރިއަށްގެން ދިޔަ ޕްރޮޖެކްޓެއް ކަމަށެވެ.
އެ ކުރު ފިލްމުގައި ސްކޫލުގެ އެކި ގްރޭޑްތަކުގެ ދަރިވަރުން ބައިވެރިވެފައިވާ ކަމަށް ސްކޫލުން ބުނެއެވެ. ފިލްމުގެ ޕްރޮޑަކްޝަނާއި ޑައިރެކްޝަންގެ މަސައްކަތް ކޮށްފައިވަނީ ދަރިވަރުން އަމިއްލަ އަށެވެ. ނަމަވެސް ބައެއް ކަހަލަ މަސައްކަތްތަކުގައި ޓީޗަރުންވެސް އެހީތެރި ވެފައިވާ ކަމަށް ސްކޫލުން މައުލޫމާތު ދިނެވެ.
އެ ފިލްމަކީ ރަށްޓެހީންތަކަކަށް ދިމާވާ ބިރުވެރި ކަންތައްތަކެއް ދައްކުވައިދޭ ފިލްމެއް ކަމަށްވެސް ސްކޫލުން ވަނީ މައުލޫމާތު ދީފައެވެ.
އެ ފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 13 ވަނަ ދުވަހުގައެވެ. ރަށު ސްކޫލުގައި އެ ފިލްމު ދެއްކުމަށް ހަމަޖެހިފައިވާ އިރު ފިލްމުގެ ޓިކެޓު އަންނަ އާދީއްތަ ދުވަހު ދޫކުރަން ފަށާނެއެވެ.