ޝަހީދާ އަބްދުﷲ ސައީދު
2011 ވަނަ އަހަރު ފުވައްމުލަކުގައި ބިދޭސީއަކު މަރާލި މައްސަލައިގައި ތިން ބިދޭސީއެއްގެ މައްޗަށް ކުރިމިނަލް ކޯޓުން ބޮޑު ހުކުމެއް އިއްވައިފިއެވެ.
ކުރިމިނަލް ކޯޓުގައި އިއްޔެ ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައި ތިން ބިދޭސީއެއްގެ މައްޗަށް ހުކުމް އިއްވާފައިވަނީ 2011 ވަނަ އަހަރުގެ ޖޫންމަހުގެ 28 ވަނަ ދުވަހުގެރޭ ފުވައްމުލަކުގައި ބަންގްލަދޭޝްގެ ޝަރީފުލް މަރާލި މައްސަލައާ ގުޅިގެންނެވެ.
ފައިސާ ހޯދުމުގެ ބޭނުމުގައި ޝަރީފުލް މަރާލި މައްސަލައިގައި ހުކުމް އިއްވާފައިވަނީ ބަންގްލަދޭޝްގެ ރައްޔިތުން ކަމަށްވާ އެމްޑީ ސަލާމު އާއި ޝަރީފުއާއި އަލާލްގެ މައްޗަށެވެ. އޭގެ ތެރެއިން އެމްޑީ ސަލާމްއާއި ޝަރީފުގެ މައްޗަށް އިއްވާފައިވަނީ 20 އަހަރު ދުވަހުގެ ޖަލު ހުކުމެކެވެ. އަދި އަލާލުގެ މައްޗަށް އިއްވާފައިވަނީ 17 އަހަރާއި ހަ މަހުގެ ޖަލު ހުކުމެކެވެ.
މީހަކު މަރާލި ކަމުގެ ކުށް ސާބިތުވި ނަމަވެސް އެތިން މީހުންގެ މައްޗަށް ޖަލު ހުކުމެއް އިއްވީ ޝަރީފުލްގެ ވާރިސުންގެ ބަހެއް ލިބިފައި ނުވާތީއެވެ. އަދި ވާރިސުންގެ ބަސް ނެތި އެމީހުންގެ މައްޗަށް މަރުގެ ހުކުމް ނީއްވޭނެ ކަމަށް ގާޒީ އަލީ ރަޝީދު ވިދާޅުވިއެވެ.
މިހާރު އަމަލުކުރާ ގާނޫނުލް އުގޫބާތުގެ ދަށުން މަރުގެ ކުށަށް އޮންނަ އަސާސީ އަދަބަކީ 10 އަހަރަށް ޖަލަށްލުން ކަމަށް ވިޔަސް، އެ މީހުންގެ މައްޗަށް ކޯޓުން ކަނޑައެޅީ އެ މައްސަލާގައި ކަން ހިނގި ގޮތަށާއި އަދި ވެފައިވާ އިއުތިރާފަށް ބަލައި، އެކަމުގައި އިތުރު ދައުވާތަކެއް ނުކޮށް އޮތުމުން، އަދަބުގެ ދަރަޖަ ތިން ގުނަ މަތިކޮށްގެންނެވެ.
މިދިޔަ އާދީއްތަ ދުވަހު ކުރި އެހުކުމުގައިވާ ގޮތުން އެތިން މީހުން ދައުވާއަށް އިންކާރު ކުރިޔަސް، ތަހުގީގު މަރުހަލާގައި އިއުތިރާފުވެ، އަދި ޝަރީފުލް މަރާލި ގޮތުގެ މަންޒަރު އަމަލީ ގޮތުން ތަހުގީގަށް ކުޅެދީފައިވާ ކަމަށާއި އެވަގުތު ނަގާފައިވާ ވީޑިއޯ ފުޓޭޖްތަކަށް ބެލުމުން އެ މީހުންގެ ވާހަކަތަކަކީ އެކަމުގައި ބައިވެރިވި މީހަކަށް ނޫނީ ކިޔައި ނުދެވޭނެހާ ތަފްސީލު ވާހަކަތަކެކެވެ.
''2011 ވަނަ އަހަރުގެ ޖޫންމަހުގެ 28 ވަނަ ދުވަހުގެރޭ 10:25 ހާއިރު، އަލާލް ދިރިއުޅޭ ކޮޓަރިއަށް ޝަރީފުލް ގެންގޮސް، އެމްޑީ ސަލާމްއާއި ޝަރީފުއާ ދެމީހުން ވެގެން ޝަރީފުލްގެ ކަރުގައި ހިފައި ބިންމައްޗަށް ވައްޓާލައި މޭމަތީގައި ކަކުލުން ޖަހައި، ކަރުގައި ޔޫއެސްބީ ވާގަނޑެއް އައްސައިނޭވާ ހާސްކޮށް، ތަޅުންމަތީގައި ބޯތަޅައި، ބޮލުގައި ހިފައި ބޯ އަނބުރައިގެން، ކަރު ބިންދާލައިގެން، އެމްޑީ ސަލާމްއާއި ޝަރީފުއާ ދެމީހުން ޝަރީފުލް މަރާލާފައިވާކަމާއި ޝަރީފުލް މަރުވިތޯ ބެލުމަށް ބުނުމުން ޝަރީފުލްގެ ގައިގައި އަތްލައިގެން ޝަރީފުލް މަރުވިތޯ އަލާލު ބެލި ކަމާއި، ޝަރީފުލްގެ ހަށިގަނޑު އެއްލައިލުމަށްޓަކައި އެމްޑީ ސަލާމްގެ ކޮނޑަށް ޝަރީފުލްގެ ހަށިގަނޑު އަލާލު ލައިދީ މިކަމުގައި އަލާލް އެހީތެރިވެދީފައިވާކަން މި ތިން މީހުން ތަހުގީގަށް ދީފައިވާ ބަޔާނުންނާއި މިމީހުން މިޖަރީމާ ހިންގިގޮތް ދެއްކުމަށް ފުލުހުންގެ ހާޒިރުގައި އެތިން މީހުން އެކަން ތަމްސީލުކުރިއިރު، ނަގާފައިވާ ވީޑިއޯއާއި ދައުލަތުން ހުށަހެޅި ހެކީންގެ ހެކިބަހުންނާއި ހުށަހެޅި ޑީއެންއޭ ތަހުލީލު ރިޕޯޓާއި، ކްރައިމް ސީން އެގްޒަމިނޭޝަން ރިޕޯޓާއި މަރުވި މީހާގެ މެޑިކޯ ލީގަލް ރިޕޯޓުން ސާބިތުވާތީ ގަސްދުގައި މީހަކު މެރުމުގެ ކުށުން ޝަރީފުއާއި އެމްޑީ ސަލާމުއާ ދެމީހުން ކުށްވެރިވެއްޖެ ކަމަށް ކަނޑައަޅައި، ގަސްދުގައި މީހަކު މެރުމުގައި ބައިވެރިވި ކަމުގެ ކުށުން އަލާލު ކުށްވެރިވެއްޖެ ކަމަށް ކަނޑައަޅައިފީމެވެ.'' ހުކުމުގައި ވެއެވެ.