އެކި އެކި ވުޒާރާ ތަކާއި، މުއައްސަސާތަކުން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކަށް ހާޒިރުވެ، ދޮގު މައުލޫމާތު ދެއްވާނަމަ އެފަދަ ފަރާތްތަކަށް ދައުވާ ކުރަން ފޮނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، މަޖިލީހުގެ ކޮމިޓީތަކަށް ޖަވާބުދާރީވެ ވަޑައިގަތުމަށް ވަޑައިގަންނަވާ ބައެއް މުއައްސަސާތަކުގެ ބޭފުޅުން ސާފު ބަހުން ވާހަކަ ނުދައްކަވައި، އިތުރުފުޅު ހައްދަވާ ކަމަށް ޝައްކު ކުރެއްވޭކަމަށެވެ.
އެއީ ޖިނާއީ ކުށެއް ކަމަށާއި މީގެ ފަހުން އެފަދަ ކަމެއް ޝައްކު ވެއްޖެނަމަ އެކަން ތަހުގީގުކޮށް ދައުވާ ކުރަން ޕްރޮސެކިއުޓާ ޖެނަރަލް އޮފީސް (ޕީޖީ)އަށް ފޮނުއްވާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.
"އަޅުގަނޑު ދަންނަވާލަން ބޭނުން ދައުލަތުގެ އެންމެހާ ބޭފުޅުންނަށާއި ސަރުކާރުގެ އެންމެހާ ބޭފުޅުންނަށާއި މުއައްސަސާތަކުގެ އެންމެހާ ބޭފުޅުން އަދި ދިވެހިރާއްޖޭގެ އެންމެހާ ރައްޔިތުންނަށް ވެސް، މި މަޖިލީހަށް ވަޑައިގެން އިތުރު ހެއްދެވުމަކީ ޖިނާއީ ކުށެއް، މި މަޖިލީހަށް ދެން ބޭފުޅަކު އެ ބާވަތުގެ ކަމެއް ކުރައްވާކަން ފާހަގަ ކުރެވިއްޖެ ނަމަ ތަހުގީގު ކުރެވޭނެ އަދި ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނަރަލް އަރިހުގައި ދެންނެވޭނެ," ރައީސް ނަޝީދު ވިދާޅުވި އެވެ.