އެލައިޑް އިންޝުއަރެންސް

"ހެލްތު ކެއާ ކޮންގްރެސް" ރާއްޖޭގައި ބާއްވަނީ

ފެޑެރޭޝަން އޮފް އެފްރޯ-އޭޝިއަން އިންޝުއަރަރސް އެންޑް ރީ އިންޝުއަރަރސްގެ "ފެއަރ މެޑިކަލް އިންޝުއަރަންސް އަދި ހެލްތު ކެއަރ ކޮންގްރެސް" ފުރަތަމަ ފަހަރަށް ރާއްޖޭގައި ބޭއްވުމަށް ނިންމައިފިއެވެ.

އެލައިޑު އިންސްއަރެންސް އިން ބުނީ، އެލައިޑާއި އެމްއެމްއޭ ގުޅިގެން ބާއްވާ "އަ ވަރލްޑް އޮފް އޮޕޮޗިއުނިޓީޒް" ގެ ނަމުގައި މިމަހު 22 އިން 24 އަށް ޕެރެޑައިސް އައިލެންޑް ރިސޯޓުގައި ކުރިޔަށްގެންދާ މިކޮންފަރެންސްގައި ބައިވެރިވުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލައިގެން ބޮޑު ތަރުހީބެއް ލިބުނު ކަމަށެވެ.

ފެޑެރޭޝަން އޮފް އެފްރޯ-އޭޝިއަން އިންޝުއަރަރސް އެންޑް ރީއިންޝުއަރަރސްއަކީ އޭޝިއާ އަދި އެފްރިކާ ބައްރުގެ އިންޝުއަރަންސް އަދި ރީއިންޝުއަރަންސްއާ ބެހޭ މައުލޫމާތު ގައުމުތަކުގެ މެދުގައި ބަދަލުކޮށް އިލްމީ އަދި ފަންނީ މާހިރުންގެ އެހީގައި އިންޝުއަރަންސް އިތުރަށް މުއްސަނދިކޮށް ޒަމާނީ ކުރިއެރުންތަކެއް ހޯދުމުގެ މަގުސަދުގައި 1964ގައި އުފައްދާފައިވާ ޖަމިއްޔާއެކެވެ.

އެގޮތުން 20 ގައުމެއްގެ ބައިވެރިވުމާއެކު ފެށި މިޖަމިއްޔާގެ މަސައްކަތް ފުޅާވެ، ބައިއަތު ހިފާފައިވާ ގައުމުތައް އިތުރުވެ، މިހާތަނަށް އެޖަމިއްޔާގެ އެތަކެއް ހަރަކާތްތަކެއް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްގެންގޮސްފައިވެއެވެ.

އެލައިޑް އިންޝުއަރަންސް ކުންފުނިން މައުލޫމާތު ދިން ގޮތުގައި، ސަރަހައްދީ ފެންވަރުގެ "ފެއަރ މެޑިކަލް އިންޝުއަރަންސް އަދި ހެލްތް ކެއަރ ކޮންގްރެސް" ރާއްޖޭގައި ހޯސްޓްކުރުމުގެ ފުރުސަތު ލިބުމަކީ ވަރަށް ބޮޑު ޝަރަފެކެވެ.

އަދި މިއީ އެލައިޑުގެ ގައުމީ އިންޝުއަރަންސް ހިދުމަތަށް 34 އަހަރު ފުރިފައިވާއިރު މިހިދުމަތް އިތުރަށް ފުޅާކޮށް ތަރައްގީކުރުމަށް ލިބުނު ރަނުގެ ފުރުސަތެއްގެ ގޮތުގައި އެކުންފުނިން ފާހަގަކުރެއެވެ.

ހަމައެއާއެކު ރާއްޖެއިން އިންޝުއަރަންސްގެ ދާއިރާއިން ހޯދާ އެކިއެކި ކުރިއެރުންތަކުގައި އެމްއެމްއޭއިން ލިބެމުން އަންނަ އެހީތެރިކަން ފާހަގަކޮށް އެލައިޑުން ވަނީ އެ މުއައްސަސާއަށް ޝުކުރު އަދާކޮށްފައެވެ.