ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް

އެޗްއާރުސީއެމްގެ ބާރު ގާނޫނާހިލާފަށް ސުޕްރީމްކޯޓުން ނިގުޅައިގެންފައިވާތީ ހުށަހެޅި ގަރާރު ބަލައިގެންފި

އިބްރާހިމް ޒަކީ

ގާނޫނުއަސާސީގެ ދަށުން އުފެދިފައިވާ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)ގެ ބާރު، ހަމަ އެ ގާނޫނުއަސާސީގެ ދަށުން އުފެދިފައިވާ ސުޕްރީމް ކޯޓުން ގާނޫނުއަސާސީއާ ހިލާފަށް ނިގުޅައިގެންފައިވާކަމަށް ބުނެ ހުށަހެޅި ގަރާރު ރައްޔިތުންގެ މަޖިލީހަށް ބަަލައިގެންފިއެވެ.

ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހްމޫދު ހުށަހެޅުއްވި މި ގަރާރު މަޖިލީހަށް ބަލައިގަތީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ތިއްބެވި 76 މެންބަރުންގެ ތެރެއިން ވޯޓު ދެއްވި 70 މެންބަރުންގެ އިއްތިފާގުންނެވެ.

މި ބިލް މަޖިލީހަށް ބަލައިގަތުމުން ދިރާސާ ކުރުމަށް ޖުޑިޝަރީ ކޮމިޓީއަށް ފޮނުވަން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ ނިންމަވައިފައެވެ.

މި ގަރާރުގައި ބުުނެފައިވަނީ، ގާނޫނުއަސާސީން ބާރު ލިބިގެން އުފައްދާފައިވާ ހިއުމަން ރައިޓްސް ކޮމިޝަންގެ ބާރުތައް ހަމަ އެ ގާނޫނުއަސާސީން އުފައްދާފައިވާ ސުޕްރީމް ކޯޓުން ނިގުޅައިގެންފައިވަނީ ހަމަ އެ ގާނޫނުއަަސާސީއާ ހިލާފަށް ކަމަށެވެ.

ދެހާސް ސާދަ ވަނަ އަހަރު ސުމޯޓޯ މައްސަލައެއްގެ ގޮތުގައި އެޗްއާރުސީއެމްގެ މައްސަލަ ބަލައި ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމްގައި ބުނެފައިވަނީ، ދިވެހިރާއްޖޭގައި އިންސާނީ ހައްގުތައް ހިމާޔަތްކޮށް ތަރައްގީކޮށް ކުރިއެރުވުމަށްޓަކައި ގާނޫނުއަސާސީން އުފައްދާފައިވާ ހިޔުމަން ރައިޓްސް ކޮމިޝަންގެ މޭންޑޭޓަކަށް ގާނޫނީގޮތުން ވާން ވާނީ ގާނޫނުއަސާސީ އާއި ގާނޫނުތަކުން އެ ކޮމިޝަނަށް ހުއްދަކޮށްފައިވާ މަސައްކަތްކުރުން ކަމަށެވެ.

އެ މަސައްކަތްތައް ކުރުމަށް ސުޕްރީމް ކޯޓުގެ ހުކުމްގައި ވަނީ ގައިޑް ލައިނެއް ކަނޑައަޅައިފައެވެ.

ރާއްޖޭގައި އިންސާނީ ހައްގުތައް ހިމާޔަތްކޮށް ކުރިއަރުވައި ތަރައްގީ ކުރުމަށް މަސައްކަތް ކުރުމުގައި މި ހުކުމްގައި ކަނޑައެޅި ބަޔާންވެފައިވާ ގައިޑްލައިނާ އެއްގޮތަށް އަމަލު ކުރަމުން ގެންދިޔުމަށާއި ގައިޑްލައިނާ ހިލާފުނުވުމަށް ހިއުމަންރައިޓްސް ކޮމިޝަންގެ މައްޗަށް އެ ހުކުމުން ވަނީ އަމުރުކޮށްފައެވެ.